ގިނައިން ސަލާމް ބުނާ މީހުން މެޑިކަލް ޗެކަޕް ހުށަހަޅަންޖެހޭގޮތަށް ފެނަކަ ކޯޕަރޭޝަނުން ހަމަޖައްސައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން އެގޮތަށް ހަމަޖެއްސީ ކުންފުނީގެ މުވައްޒަފުންގެ ގަވާއިދަށް ގެނައި އިސްލާހެއްގައެވެ.

އެ އިސްލާހުގައިވާގޮތުން ޗުއްޓީ އަހަރު ނިމޭއިރު، ސަލާމުގެ ގޮތުގައި އޮންނަ 30 ދުވަހުގެ ތެރެއިން 60 ޕަސެންޓަށްވުރެ އިތުރަށް ސަލާމުގެ ޗުއްޓީ ބޭނުންކޮށްފައިވާނަމަ، އެ މުވައްޒަފެއްގެ މެޑިކަލް ޗެކަޕެއް ކުންފުންޏަށް ހުށަހަޅަންޖެހޭނެއެވެ.

ހަފްތާ ބަންދާ ދިމާކޮށް ބުރާސްފަތި އަދި އާދީއްތަ ދުވަހު ސަލާމުގައި ހުރެއްޖެނަމަ، ސަލާމުގެ ޗުއްޓީ އެއްދުވަހަށްވުރެ އިތުރު ނުވިނަމަވެސް، އެ މުވައްޒަފަކު އޮފީހަށް ނުކުންނަ ފުރަތަމަ ދުވަހު ސަލާމުގެ ޗުއްޓީ ހުށަހަޅަންވާނެ ކަމަށް ވެސް އެ ގަވާއިދުގައިވެއެވެ.

ގަވާއިދަށް ނެގައި އިސްލާހުގައިވާގޮތުން ސަލާމުގެ ޗުއްޓީގައި އެއް ދުވަހަށް ވުރެ އިތުރުވެއްޖެނަމަ އޮފީހަށް ނުކުންނައިރު، ސަލާމުގައި ހުރި ހުރިހާ ދުވަސްތަކަށް ސަލާމުގެ ސެޓްފިކެޓް ހުށަހަޅަންޖެހެއެވެ. އަދި އެ ސެޓްފިކެޓްގައި ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން އެ މުވައްޒަފަށް މަސައްކަތަށް ނުނިކުމެވުނު މުއްދަތު ބަޔާންކޮށްފައި އޮންނަންވާނެ ކަމަށް ވެސް އެ ގަވާއިދުގައިވެއެވެ.

ފެނަކައިގެ މުވައްޒަފުންގެ ގަވާއިދަށް ގެނައި އިސްލާހު، ސާކިއުލާއެއްގެ ގޮތުގައި، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ސޮއިކުރައްވައި ވަނީ ހުރިހާ މުވައްޒަފުންނަށް ފޮނުވާފައެވެ.