30 Oct 2017, 11:28
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި 247 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ބޭންކުން މިއަދު އާންމުކުރި، 2017 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާގޮތުން އެ ބޭންކުން ވަނީ ހަރުދަނާ މާލީ ނަތީޖާތަކެއް ހޯދައިފައެވެ.
ބީއެމްއެލްއިން ބުނީ، މި އަހަރު 300 މިލިއަން ރުފިޔާ ދިވެހި މުޖުތަމައުތަކަށް އިންވެސްޓްކުރުމަށް ނިންމާފައިވީނަމަވެސް ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ރަނގަޅު ކާމިޔާބުތަކެއް ހޯދައި އަދި ލޯނު ދޫކުރެވުނު މިންވަރު ހަރުދަނާ މިންގަނޑެއްގައި ހިފެހެއްޓި، ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 247 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރަށް %35 މަތީ އަދަދެކެވެ.
އަހަރުގެ ތިން ވަނަ ކުއާޓަރުގައި ބީއެމްއެލްއިން ވަނީ އަތޮޅުތެރޭގައި ތިން ސެލްފް ސާވިސް ބޭންކިންގ ސެންޓަރ ހުޅުވައިފައެވެ. އަދި މާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ކަސްޓަމަރ ސާވިސް ސެންޓަރެއް ވެސް ވަނީ ގާއިމްކޮށްފައެވެ.
ގައުމީ ބޭންކުން ބުނީ، މިއަހަރު ނިމުމުގެ ކުރިން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް 150 ވަޒީފާ އުފެއްދުމަށް ބޭންކުން ކަނޑައަޅާފައިވާ އަމާޒަށް ވެސް ވާސިލްވާނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.
މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި، ވޯލްޑް އެޗްއާރޑީ ކޮންފަރެންސް އަދި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓުން ސިންގަޕޫރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބޭންކް އޮފް މޯލްޑިވްސްއަށް ވަނީ މަސައްކަތް ކުރަން އެންމެ ރަނގަޅު އޭޝިޔާގެ ކުންފުނިތަކުގެ ތެރޭގައި ހިމެނި، އެކަން ފާހަގަކޮށް "އޭޝިޔާސް ލީޑިންގ އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ދީފައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ، މި އަހަރު ފެށުނުއިރު ވެސް އެ ބޭންކުން މަސައްކަތްކުރަމުންދިޔައީ ކާމިޔާބު ދުވެލީގައި ކަމަށެވެ. އަދި އަހަރުގެ ބޮޑު ބައިގެ ވިޔަފާރި ކުރިއަރައިދާކަމީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މި ކުއާޓަރގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެކަށީގެންވާ ރަނގަޅު ޚިދުމަތްތަކެއް ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ އަޒުމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. މިދަނޑިވަޅުގައި ކަސްޓަމަރުން އަޅުގަނޑުމެންނަށް ދެއްވާ އިތުބާރަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހީވާގި ކަމާއި އަދި މަސައްކަތަށް އަހުމިއްޔަތުކަން ދީގެން ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ އަޅުގަނޑުމެންގެ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން،" އެންޑްރޫ ވިދާޅުވިއެވެ.
"މި އަހަރު ކާމިޔާބު ކަމާއެކު ނިންމާލުމަށް އަޅުގަނޑުމެން ގަދަ އަޅާ މަސައްކަތް ކުރަމުންދާނަން."
ބީއެމްއެލްއިން ވަނީ، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 31 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 90 އޭޓީއެމް، 4600 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުން ގާއިމްކޮށްފައެވެ.
ދިވެހީންގެ ބޭންކުން ބުނީ، އެ ބޭންކުގެ އަމާޒަކީ، އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.