ދިވެހި ފިލްމު އޯޑިއަންސަށް މާދަމާ ރެއަކީ ފިސާރި ބޮޑު ރެއަކަށް ވާނެއެވެ. މިހާތަނަށް ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރީންނާ ހަމައަށް ގެނެސްދީފައިވާ ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ، ފާތިމަތު ނަހުލާ (ނަހޫ) ޕްރޮޑިއުސްކޮށް، އައިޝަތު ރިޝްމީ ރަމީޒު ޑައިރެކްޓްކޮށްފައިވާ "ބޮސް" މާދަމާ ރޭ ބެލުންތެރީންނާ ހަމައަށް އަންނާނެއެވެ. ދިވެހި ފިލްމުތަކަށް ލޯބިކުރާ އެތަކެއް ބަޔަކު ކެތްތެރިކަމެއް ނެތި "ބޮސް"ގެ އިންތިޒާރުގައި އެބަތިއްބެވެ.

"ބޮސް"ގެ ވާހަކަ އެންމެ ފުރަތަމަ ހިއްސާކުރި ދުވަހުވެސް ނަހޫ ބުނި ވާހަކައަކީ، މިއީ ބެލުންތެރީން، ރޮއްވާލާނޭ ފިލްމެއްކަމަށެވެ. އަދި އޭނާގެ ކާމިޔާބު ފިލްމުތައް ކަމަށްވާ، ޔޫޒުފް، ޒުލޭހާ، އަދި ކަލާޔާ ނުލާ ފަދަ ފިލްމުތަކަށްވުރެވެސް އަސަރު ގަދަ ފިލްމަކަށް "ބޮސް" ވެގެންދާނޭކަމަށް އޭނާ ދިޔައީ ބުނަމުންނެވެ.

މާދަމާ ރިލީޒްކުރުމަށް ތައްޔާރުވަމުންދާ "ބޮސް"ގެ ތީމް ލަވަ ނެރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެިން---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް

ބޮސް ޕްރިމިއާ ކުރާ ވަގުތު މިވަނީ ކުޑަތަން ވެފައެވެ. ނަހޫ މިވަނީ، ފިލްމު ރިލީޒްކުރުމުގެ ކުރީން ފިލްމުގެ ކާމިޔާބީ ފާހަގަކޮށް، ފިލްމުގެ ތަރީންނަށް ތައުރީފުގެ ކޯރެއް ބަންޑުންކޮށްލައިފައެވެ.

"މާސްޓަރޕީސް"އެއްގެ ގޮތުގައި ނަހޫ ސިފަކުރާ "ބޮސް"އާ ގުޅޭގޮތުން އޭނާ ބުނީ، މިއީ މިހާތަނަށް ކުރެވުނު އެންމެ ފުރިހަމަ އެއް މަސައްކަތްކަމަށެވެ. ބެލުންތެރީން އެންމެ ބޭނުންވާ ފަދަ މޮޅު ފިލްމަކަށް ބޮސް ހެދުމަށް، ވޭތުވެ ދިޔަ ހަތަރު ވަރަކަށް މަސްދުވަހު، ހިންދެމިނުލާ މަސައްކަތް ކުރެވިއްޖެ ކަމަށް އޭނާ ބުންޏެވެ.

ދިވެހި ފިލްމު ބޮސްގެ ޕޯސްޓަރެއް. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ، އޮކްޓޫބަރު 31 ވަނަ ދުވަހު -- ސަން ފޮޓޯ: ކްރިސްޓަލްއެންޓަޓެއިންމެންޓް

"ގިނަ ދުވަސް ދުވަހު ހަމަ 24 ގަޑިއިރުތެރޭން 18 ގަޑިއިރު އުޅެވިފައި ވަނީ، މި ފިލްމުގެ މައްސަކަތުގައި. ކޮންމެ ދުވަހަކު މަސައްކަތް ނިންމާލާފައި ދެރަވެސްވޭ، ލޯބިވާ ދަރިފުޅު ލާލީއަށް ބޭނުންވާ ވަރަށް ވަގުތު ނުދެވޭތީ،" ބޮސްއަށް ހޭދަކުރި ވަގުތަކީ ގުރުބާނީއެއްގެ ގޮތުގައި ސިފަކުރަމުން ނަހޫ ބުންޏެވެ.

"އެންމެ ފަހުން އުންމީދުތައް މިވަނީ ހަގީގަތަކަށް ވެފައި. ބޮސް އެއްކޮށް ބަލާލުމަށް ފަހު، އަހަންނަށް އިހްސާސް ކުރެވިއްޖެ މިވެވުނީ ހަމަ ރަނގަޅު ސެކްރިފައިސްއެއްކަން."

"ބޮސް"ގެ ޓްރެއިލަރ އަދި ލަވަތަކުގެ އޯޑިއޯ ރިލީޒްކުރުމަށް ސޯލްޓް ކެފޭގައި ބޭއްވި ހަފްލާގެތެރެއިން-----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބެލުންތެރީންގެ ހިތްތަކާ ކުޅެލުމުގައި އެފަދަ ދެވަނައެއް ނުވާ، އަސަރު ގަދަ ފިލްމުތައް އުފައްދާފައިވާ ނަހޫ ބުނީ، އޭނާ މިހާތަނަށް އުފެއްދި ހުރިހާ ފިލްމުތަކަށް ބަލާއިރުވެސް އެ ފިލްމެއް ބަލާފައި އޭނާގެ ލޮލުން ކަރުނަ ހިލުވާލި ހަމަ އެކަނި ފިލްމަކީ "ބޮސް" ކަމަށެވެ.

"މި ފިލްމުގައި ޖަޒުބާތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދީފައިވޭ،" ބޮސްގެ ތަރީންނާއި ޑައިރެކްޓްރު ރިޝްމީއަށް ވަރަށް ބޮޑަށް ތައުރީފްކުރަމުން ޕްރޮޑިއުސަރު ބުންޏެވެ.

ނަހޫ ބުނީ، ބޮސްގެ ކުރޫއިންގެ ތެރޭގައި ހިމެނޭ ކޮންމެ މެންބަރަކީވެސް ޝުކުރާއި ތައުރީފް އޭގެ އެންމެ ފުރިހަމަ މާނައިގައި ހައްގު ފަރާތްތަކެއް ކަމަށެވެ. އަދި ޚާއްސަކޮށް، ބޮސް އަކީ ކްރިސްޓަލް އެންޓަޓެއިންމަންޓުން ބޭނުންވާ ހުރިހާ ކޮލިޓީއެއް ހިމެނޭ ފިލްމަކަށް ހެދުމަށް، ޑައިރެކްޓަރުރިޝްމީކޮށްފައިވާ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރާކަމަށް ނަހޫ ބުންޏެވެ.

މާދަމާ ރިލީޒްކުރުމަށް ތައްޔާރުވަމުންދާ "ބޮސް"ގެ ތީމް ލަވަ ނެރުމުގެ ގޮތުން ބޭއްވި ހަފްލާގެ ނަހުލާ ވާހަކަދައްކަނީ ---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް

ފިލްމެއް ރިލީޒްކުރުމުގެ ކުރީން، އެ ފިލްމަކާ ދޭތެރޭ ދުވަހަކުވެސް ނުލިބޭވަރުގެ ބޮޑު ޔަގީންކަމެއް "ބޮސް" ކާމިޔާބު ފިލްމަކަށް ވާނޭކަމާމެދު ލިބިފައިވާ ކަމަށް ނަހޫ ބުންޏެވެ.

"މިއީ އެ ފިލްމަކާ މެދު ފަހުރުވެރި ކުރުވާނޭ ފިލްމެއްކަން ޔަގީން! ފިލްމުގެ އެކްޓަރުން ކަމަށްވާ،މަރިޔަމް އައްޒަ،ފާތިމަތު އާޒިފާ،އިބްރާހިމް ޖިހާދު،މުހައްމަދު ޔުނާން،އަލީ އާޒިމްއަދިއަލީ ޝަމީލްގެމޮޅު އެކްޓިންއަށް އަހަރެން ހަމަ ސެލިއުޓްކުރަން،" ނަހޫ ބުންޏެވެ.

ބޮސްގެ ރެޑްކާޕެޓް ހަފްލާ އޮންނާނީ މާދަމާ ރޭ، އޮލިމްޕަހުގައެވެ. ބޮސްގެ ފުރަތަމަ ނުވަ ޝޯގެ ޓިކެޓް މިހާރު ވެސް ވިއްކަމުންދާއިރު، ޕްރިމިއާ ޝޯ ފިޔަވައި، ދެން ހުރިހާ ޝޯގެ ވެސް ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ. ޕްރިމިއަރ ޝޯގެ ޓިކެޓެއްގެ އަގަކީ 200 ރުފިޔާއެވެ.