03 Aug 2011, 10:13
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް ދާދިފަހުން ކަނޑައެޅި މުގައްރިރުންނާއި ނާއިބު މުގައްރިރުންނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރޭ ބައްދަލުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މުގައްރިރުންނާއި ނާއިބު މުގައްރިރުންނާ ބައްދަލު ކުރައްވައި މަޖިލީހުގެ ރައީސް ވިދާޅުވީ ކޮމެޓީތަކުގައި ހުރި މަސައްކަތްތައް ހަލުއިކަމާ އެކު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ރައީސް އެދިވަޑައިގަންނަވާ ކަމަށެވެ.
މަޖިލީހުގެ އިދާރާ އިން ރޭ ނެރުނު ނޫސްބަޔާނުގައި ރައީސާ ހަވާލާދީ ބުނެފައި ވަނީ ކޮމެޓީތަކުގެ މިސްރާބު ކަނޑައެޅުމާއި އެ މިސްރާބު ހިފެހެއްޓުމާއި ވަގުތު ބޭކާރު ނުވާނެ ގޮތުގެ މަތީން، ކޮމެޓީތަކާ ހަވާލުކުރާ މަސައްކަތް ނިންމުމަކީ ކޮމެޓީތަކުގެ މަސްއޫލިއްޔެއް ކަމަށާއި ކޮމެޓީތަކުގެ ފަރާތުން މީޑިއާ އަށް މައުލޫމާތު ދިނުމަކީ ކޮމެޓީތަކުގެ މުގައްރިރުންގެ މަސްއޫލިއްޔަތެއް ކަމަށެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ ރޭގެ ބައްދަލުވުމުގައި ކޮމެޓީތަކުގައި ހުރި މައްސަލަތަކުގެ ތަފްސީލު ލިސްޓެއް މުގައްރިރުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ކޮމެޓީތަކުގެ މުގައްރިރުން ވިދާޅުވި ކަމަށް މަޖިލީހުގެ އިދާރާ އިން ބުނީ، ކޮމެޓީތަކުގެ މަސައްކަތް ހަލުއި ކުރުމަށް ކޮމެޓީތަކަށް އިތުރު ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށެވެ.