19:00


ތައިލެންޑްގައި މުޒާހަރާކުރި އިދިކޮޅު ފަރާތްތަކުން އެގައުމުގައި ހިންގި ހުރިހާ ޖަރީމާތަކެއް ރަނގަޅަށް ބައްލަވައި ތަހުގީގުކުރައްވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު އަބީސީތް ވެޖަޖީވާ ވިދާޅުވެއްޖެ އެވެ.


ބޮޑުވަޒީރު ވެޖަޖީވާގެ އިސްތިއުފާ އަށް ގޮވާލައި މިދިޔަ މާޗްމަހު އެގައުމުގައި ފެށި މުޒާހަރާ ސަރުކާރުގެ ސިފައިން ރޫޅާލި ފަހުން، ފުރަތަމަ ފަހަރަށް އާންމުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވެޖަޖީވާ ވިދާޅުވެފައިވަނީ ބެންކޮކްގެ ވިޔަފާރީގެ މައިމަރުކަޒު އެތައް ދުވަހެއް ވަންދެން ހިސޯރުކޮށްގެން ތިބި އިދިކޮޅު ފަރާތްތަކުގެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންދަވާނެ ކަމަށާއި މިމުޒާހަރާގެ ސަބަބުން ގައުމުގައި އެތައް ބައިބައިވުމެއް އުފެދިފައިވާއިރު މިމައްސަލަތައް ނުބަލައި ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ގައުމުގެ ކޮންޓްރޯލް ސަރުކާރަށް މިހާރު ލިބިފައިވާ ކަމަށާއި މިކަމުގައި ސަރުކާރުގެ އޮފިޝަލުންގެ އިތުރުން އެގައުމުގެ އާންމުން ދިން އެއްބާރުލުން ފާހަގަކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ވެޖަޖީވާ އިތުރަށް ވިދާޅުވީ މުޒާހަރާގައި އުމްރާނީ ގޮތުން ތައިލެންޑަށް ލިބިފައިވާ ގެއްލުންތައް ފޫބައްދައި އެގައުމު އަލުން އާރާސްތުކުރުމަކީ މާ އުނދަގޫ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ތައިލެންޑްގެ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވާލައި ގައުމުގައި ކުރިން އޮތް އެއްބައިވަންތަކަން އަލުން ގެނައުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. ނަމަވެސް މި ގޮންޖެހުންތަކާ ކުރިމަތިލައި ދިމާވެފައިވާ ހުރިހާ ހުރަސްތަކެއް ގިރާކޮށް ގައުމު އަލުން އެކަތިގަނޑަކަށް ހައްދަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.


ގާތްގަނޑަކަށް ދެމަސްދުވަސް ވަންދެން ތައިލެންޑްގައި ކުރިއަށް ދިޔަ މިމުޒާހަރާގައި އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާއިރު އެގައުމުގެ ގިނަ ރައްޔިތުންތަކެއް އަދިވެސް ތިބީ ނަފްސާނީ ގޮތުން ބިރުވެރިކަމެއްގެ ތެރޭގަ އެވެ.