ރިޔާދު (އޮކްޓޯބަރު 30): އަންނަ އަހަރުން ފެށިގެން ސައުދީ އަރަބިއާގެ އަންހެނުންނަށް އެ ގައުމުގެ ކުޅިވަރު ސްޓޭޑިއަމްތަކަށް ވަދެވޭނެ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.

ސައުދީ އަރަބިއާގެ ސްޕޯޓްސް އޮތޯރިޓީން ބުނި ގޮތުގައި ރިޔާދު، ޖިއްދާ އަދި ދަމާމްގެ ސްޓޭޑިއަމްތަކަށް އާއިލާތަކަށް ވަދެވޭނެ ގޮތް ހެދުމުގެ ތައްޔާރީތައް ވަރަށް އަވަހަށް ފެށޭނެ އެވެ. އެގޮތުން އެސްޓޭޑިއަމްތަކުގައި ރެސްޓޯރެންޓުތަކާއި ކެފޭތައް ހަދައި، މޮނިޓާ ސްކްރީންތައް ބަހައްޓާނެ ކަމަށް އެއިދާރާއިން ބުންޏެވެ.

މީގެ ކުރިން ހަމައެކަނި ފިރިހެނުންނަށް ހާއްސަކޮށްފައިވާ އެސްޓޭޑިއަމްތައް އަންހެނުންނަށް ހުޅުވާލަން ނިންމުމަކީ ސައުދީ އަންހެނުންނަށް ލިބިގެން ދިޔަ އިތުރު މިނިވަން ކަމަކެކެވެ. މިދިޔަ މަހު އެގައުމުން ވަނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ލިބޭނެ ކަމަށް އިއުލާންކޮށްފަ އެވެ.

އެބަދަލުތަކަކީ ސައުދީ އަރަބިއާ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއެރުވުމަށް އެގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވައިގެން ކަނޑައަޅާފައިވާ ވިޝަން 2030ގެ ދަށުން ގެންނަވާ ބަދަލުތަކެވެ. (ބީބީސީ)