ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ރެކްރިއޭޝަނަލްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހޯދައިފި އެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެމްޕީއެލް އިން ހޯދީ މާފަންނު ޓާފް އެއް ނަންބަރު ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާ ވާދަކޮށް، 3-2 ލަނޑުގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.

ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ރެކްރިއޭޝަނަލްގެ އަންހެން ޑިވިޝަންގައި އެމްޕީއެލް އާއި އެމްއެންޑީއެފް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ އެމްޕީއެލް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މެޗުގައި އެމްޕީއެލް އިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ފާތިމަތު ޖޫޒާން ޒަރީރު ކާމިޔާބު ކޮށްދިން އިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބު ކޮށްދިނީ ފަރާ އަހްމަދެވެ. އެމްއެންޑީއެފްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މަރިޔަމް ރިފާ އާއި ޝަހްފާ ސިއުތު އެވެ. އެ މެޗުގައި އެމްއެންޑީއެފްގެ ކެޕްޓަން އާމިނަތު ޒާހިޔާ އަށް ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ވެސް ދައްކާފައިވެ އެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އެވެ. އެ ކަމަނާގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ރެކްރިއޭޝަނަލްގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އެމްޕީއެލްގެ ފާތިމަތު ސާލިޔާ އާއި އެމްއެންޑީއެފްގެ އާމިނަތު ޒާހިޔާ އާއި އެމްޕީއެލްގެ އާމިނަތު ޝާމިލާ އާއި އެމްއެންޑީއެފްގެ ޝަހުފާ ސިއުތު އަދި އެމްޕީއެލްގެ ފާތިމަތު ޝަޒީމާ އެވެ. އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ހޮވުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި މިރޭ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބައްދަލުކުރާނެ އެވެ. މާފަންނު ޓާފް އެއް ނަންބަރު ދަނޑުގައި ކުޅޭ އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައެވެ.