ރާއްޖޭގެ ސިޔާސީ ހާލަތު ބެލުމަށް ޓަކައި އިއްޔެ ރާއްޖެ އައި ޔޫރަޕިއަން ޕާލިމެންޓް(އީޔޫ)ގެ ވަފުދާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބައްދަލުކޮށް އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކޮށްފި އެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި އެ ބައްދަލުވުމަށް ފަހު ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އީޔޫގެ ވަފުދާ ބައްދަލުކޮށް އިދިކޮޅު ޕާޓީތަކުގެ ހުރި ކަންބޮޑުވުންތައް އެ ފަރާތްތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ އެދިފައި ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ މިނިވަން އިންސާފުވެރި އިންތިހާބެއް 2018ގައި ބޭއްވުމަށް އެހީތެރިވެދިނުމަށް،" ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.

ތިން ގަޑިއިރަށް ދެމިގެން ދިޔަ އެ ބައްދަލުވުމުގައި އިދިކޮޅު ޕާޓީތަކުން ބައިވެރިވެފައި ވަނީ ރިޔާޒުގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި އަދި އަދި އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ ހެޑް ޝިދާތާ ޝަރީފެވެ.

އީޔޫ ވަފުދުން މިއަދު ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.