ޝާހިދު ކަޕޫރާ އެކީ މަސައްކަތް ކުރުމަށް ވަރަށް ފަސޭހަކަމަށް ރަންވީރު ސިންހް ބުނެފިއެވެ.

މިހާރު ރިލީޒްކުރަން ތައްޔާރުވެފައިވާ ފިލްމް 'ޕަދްމާވަތީ'ގައި މި ދެ ތަރިން އެކުގައި ވަނީ މަސައްކަތްކޮށްފައެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ 'ޕިންކްވިލާ' އަށް ދިން އިންޓަވިއުއެއްގައި ރަންވީރު ބުނީ ޝާހިދަކީ އޭނާގެ ޓީމަށް އިތުރުވި ވަރަށް ބަރާބަރު މީހެއްކަމަށެވެ. އެ އިންޓަވިއުގައި އޭނާ ވަނީ ޝާހިދަށް ވަރަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ. އޭނާ ބުނީ އެކަހަލަ ވަރުގަދަ ޝަހްސިއްޔަތެއް ގެންގުޅޭ އެކްޓަރަކާ އެކީ މަސައްކަތް ކޮށްލަން ލިބުމަކީ ފަހުރެއް ކަމަށެވެ.

"ސެޓްގައި ވެސް އެންމެން ވަރަށް ގުޅިގެން އުޅުނީ. ވަރަށް މަޖާ. ފިލްމުގެ ކޮންމެ ޝޮޓަކީ ވެސް ކޮންމެ މީހަކު ވެސް ކުރީ ފަހަރަށް ވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހޭ ޝޮޓެއް. ކޮންމެ ޝޮޓެއްގެ ސެޓަޕަށް ހަތަރު ވަރަކަށް ގަޑިއިރު ނަގާ. އެންމެންވެސް ވަރަށް ގުޅިގެން މަސައްކަތްކޮށްފައި ހުންނާނީ،" ރަންވީރު ބުންޏެވެ.

"ޕަދްމާވަތީ"ގައި ރަންވީރު ކުޅެނީ ނުލަފާ އަނިޔާވެރި ރަސްކަލެއް ކަމަށްވާ އަލާއުއްދީން ޚިލްޖީގެ ރޯލެވެ. ޝާހިދު މި ފިލްމުގައި ކުޅެނީ މަހާ ރާވަލް ރަތަން ސިންގްގެ ރޯލެވެ.

ފިލްމުގެ ބަތަލާ އަކަށް ދީޕިކާ ޕަދުކޯން ހަރަކާތްތެރިވާ އިރު އެ ފިލްމް ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގައެވެ.