30 Oct 2017, 09:17
ސްޕެނިޝް ލަލީގާގައި، ފަހަތުން އަރައި ކެތަލޯނިޔާއަށް ނިސްބަތްވާ ގިރޯނާއިން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ގިރޯނާ އަތުން ރެއާލް ބަލިވީ 2-1 ލަނޑުގެ ނަތީޖާ އަކުންނެވެ. އެ ނަތީޖާއާ ގުޅިގެން ރެއާލް އާއި ވާދަވެރި ބާސެލޯނާއާ ދެމެދު މިހާރު އަށް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ތާވަލުގެ އެއް ވަނައިގައި ބާސާ އޮތް އިރު، ރެއާލް އޮތީ ތިން ވަނައިގައެވެ.
ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް، ލީޑު ހޯދާފައިވެއެވެ. މެޗުގެ 12 ވަނަ މިނެޓުގައި ރެއާލަށް ލީޑު ހޯދައިދިނީ އިސްކޯ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ގިރޯނާގެ ގޯލްކީޕަރު ޔަސިން ބޯނާ މަތަކުރުމާ އެކު ލިބުނު ރީބައުންސް ބޯޅަ އިންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ރޮނާލްޑޯއަށް ލިބުނު ބޯޅައިން އޭނާ ފޮނުވާލި ހަމަލާ ކީޕަރު ބޯނާ މަތަކުރި އިރު، ބެންޒެމާއަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ރެއާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެ ވަނަ ހާފުގެ ފުރަތަމަ 15 މިނެޓްގެ ކުޅުން ނިމުމުގެ ކުރިން ގިރޯނާ އިން ވަނީ ދެ ލަނޑު ޖަހައި ރެއާލް ހާސްކަމުގެ ތެރެއަށް ވައްޓާލައިފައެވެ. މެޗުގެ 54 ވަނަ މިނެޓުގައި ގިރޯނާއަށް ކްރިސްޓިއަން ސްޓުއާނީ ނަތީޖާ ހަމަހަމަ ކޮށްދިން އިރު، މެޗުގެ 58 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ޕޯޓޫ އެވެ.
ގިރޯނާއިން ލީޑު ނެގުމަށް ފަހު ވެސް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވިފައި ވަނީ އެ ޓީމަށެވެ. ގިރޯނާގެ އެލެކްސް ގްރަނެލް ދިން ބޯޅަ އަކުން ސްޓުއާނޯ ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވެއެވެ.