އަޑުގަދަ ކުރަމުން ބާޒާރުމަތީގައި ދުއްވަމުންދިޔަ ސައިކަލަކަލާ ބެހޭ ގޮތުން އާންމުން ޝަކުވާ ހުށަހެޅުމުން އެ ސައިކަލު ހުއްޓުވައި، އޭގެ އަޑު ގަދަ ނުވާނެ ގޮތަށް ސައިކަލް އަލުން "މޮޑިފައި" ކުރުމަށް ފުލުހުން ސައިކަލްގެ ވެރިފަރާތަށް އަންގައިފި އެވެ.

އެކި ގޮތްގޮތަށް އަޑު ނެރެވޭ ގޮތަށް މޮޑިފައި ކޮށްފައިވާ ސައިކަލްގެ މައްސަލަ ފެންމަތިވީ ބާޒާރުމަތީގައި އިއްޔެ ހަވީރު އެވެ. ބާޒާރުމަތީގައި އެންމެ ކާރުބާރު ބޮޑުވި ވަގުތުގައި އާދަޔާހިލާފަށް އަޑުގަދަކޮށް އެކި އަޑުތައް ނެރެގެން ދުއްވި ސައިކަލާ ބެހޭ ގޮތުން އާންމުން އިއްޔެ ވަނީ ބާޒާރުމަތީގައި އުޅުނު ފުލުހުންނަށް ރިޕޯޓްކޮށް ޝަކުވާ އުފުލައިފަ އެވެ.

މަންޒަރު ދުށް މިހުން ބުނި ގޮތުގައި ފުލުހުން ހުއްޓުވި ސައިކަލަކީ އެހެން ސައިކަލްތަކާ ހިލާފަށް ސައިލަންސަރުން އެކި ފާޑުގެ ގަދަ އަޑު ނެރެވޭ ގޮތަށް ހަދާފައިވާ ސައިކަލެކެވެ. އަދި ސަންއަށް ލިބިފައިވާ އެ ސަކަލްގެ ފޮޓޯއިން ފެންނަ ގޮތުގައި ހުއްޓުވި ސައިކަލީ ވަރަށް ބޮޑަށް ބަދަލުކޮށް އާ ސިފައެއް ގެނުވާފައިވާ ސައިކަލެކެވެ.

"އާންމު ފަރާތްތަކުގެ ޝަކުވާތަކާ ގުޅިގެން އަޅުގަނޑުމެން އެ ސައިކަލް ހިފެހެއްޓީ. މޮޑިފައިކޮށްފައި ހުރި ސައިކަލެއް އެއީ. ސައިކަލް ދުއްވިފަރާތަށް ނަސޭހަތްތެރިވެފައި ވަނީ އެ ސަކަލަށް އެހެން ހަދައިގެން އަޑުގަދަ ނުކުރުމަށް. ފަހުން ސައިކަލާއެކު އޭނާ ވަނީ ދޫކޮށްލާފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ 11 ވަނަ މާއްދާގެ )ހ( ގައި ބުނެފައި ވަނީ ރެސްޓޯރެންޓެއް ނުވަތަ ކެފޭއެއް ނުވަޔަ ކޮފީ ޝޮޕަކުން އަދި ސައިހޮޓަލެއް ނަމަވެސް އަދި ކުޅިވަރު ކުޅޭ ތަނެއް ނުވަތަ އެނޫންވެސް، ޒުވާނުން ބޮޑެތި މީހުން ގޮސް އުޅޭތަނެއްގައި ކައިރި ހިސާބުތަކުގެ މީހުންނަށް އުނދަގޫވާ ގޮތަށް ބާރަށް ލަވަ ޖަހައި ނުވަތަ ޓީވީ ބަލައި ނުވަތަ އެނޫންވެސް ގޮތަކަށް އަޑުގަދަކޮށް ހަދައިފިނަމަ، އެކަން ކުރި މީހަކާމެދު މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށެވެ.

އެ ގާނޫނުގެ 14 ވަނަ މާއްދާގެ )ހ(ގައި ބުނެފައި ވަނީ އަޑުގަދަ ނުކުރުމަށް އަންގައި، އަދި އެކަން ހުއްޓުވުމަށް 15 މިނިޓްގެ ފުރުސަތެއް ދިނުމަށްފަހުގައި ވެސް ނުހުއްޓާފިނަމަ، ކަމާބެހޭ އިދާރާއަކުން އެ އަމަލު ހިންގި މީހާއަށް ޖޫރިމަނާގެ ނޯޓިހެއް ދެވިދާނެ ކަމަށެވެ. އަދި ޖޫރިމަނާއެއްގެ ގޮތުގައި 500ރ. އަށް ވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ. އަދި އެ ކުށް ކުރި މީހާގެ މައުލޫމާތު ދިނުމަށް އިންކާރުކޮށް ދޮށު މައުލޫމާތު ދީފިނަމަ 2000ރ. އަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.