30 Oct 2017, 09:06
ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ގެސްޓްހައުސް ވިޔަފާރިތަކަށް މި ރެއަކީ ބޮޑު ރެއެކެވެ. މިރެއަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ދެމުންއަންނަ ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަންގެ އެވޯޑުގެ ދިނުން އޮންނަރެއެވެ.
މަޓާޓޯއިން ވަނީ މިފަހަރުގެ އެވޯޑް ހަފްލާ ވީހާވެސް ފުޅާކޮށް، ކަމާ އެންމ ގުޅުންހުރި ތަންތަނުގައި އެވޯޑް ހަފްލާގެ ބައިތައް ކުރިއަށް ގެންދިއުމަށް ނިންމައިފައެވެ. އެގޮތުން ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް ތަކަށް އެވޯޑު ދިނުމުގެ ހަފްލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި އެންމެ ފުޅާކޮށް ހިންގަމުން އަންނަ ރަށް، ކ. މާފުށީގައެވެ.
މަޓާޓޯއިން ބުނީ މިރޭގެ އެވޯޑު ހަފްލާއަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކާއެކު އެ ހަފްލާއަށް ތައްޔާރު ވެފައވާ ކަމަށެވެ. އަދި މިރޭގެ އެވޯޑް ހަފްލާގައި ރާއްޖޭގެ އެކި ހިސާބު ތަކުން ނޮމިނޭޓްވެފައިވާ 96 ފަރާތެއްގެ ތެރެއިން 15 ފަރާތަކަށް އެވޯޑް ދެވިގެންދާނެ ކަމަށް މަޓާޓޯއިން ބުންޏެވެ.
ގެސްޓްހައުސް އެޑިޝަނުގައި ދެވިގެންދާނެ 15 އެވޯޑުގެ ތެރެއިން 12 އެވޯޑަކީ ވޯޓުންނާއި ޓްރިޕް އެޑްވައިޒާގެ ރިވިއުގެ މައްޗަށް ޖަޖުކޮށް ދެވިގެންދާ އެވޯޑެއްކަމަށް މަޓާޓޯއިން ބުންޏެވެ. އަނެއް ތިން އެވޯޑަކީ މަޓާޓޯއިން ފާހަގަކޮށް، ދޭ ތިން އެވޯޑު ކަމަށްވެސް މަޓާޓޯއިން ބުންޏެވެ.
މިރޭގެ ހަފްލާއަށް ޓްރެވަލް އިންޑަސްޓްރީގެ ތަޖުރިބާކާރު 250 އަށް ވުރެ ގިނަ މީހުން މާފުއްޓަށް އަންނާނެކަމަށް މަޓާޓޯއިން ބުންޏެވެ. އަދި މާފުށީގައި އެ އެވޯޑް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ، މާފުއްޓަކީ ގެސްޓްހައުސް ވިޔަފާރި އެންމެފުރަތަމަ ފަށައި، ފުޅާ ދާއިރާއެއްގައި އެވިޔަފާރި ކުރަމުން އަންނަ ރަށަކަށްވުމުން ދުނިޔޭގެ ނަޒަރު މާފުއްޓަށް ގެނައުން ކަމުގައި މަޓާޓޯއިން ބުންޏެވެ.
މިހާތަނަށް ގެސްޓްހައުސްތަކަށް އެވޯޑު ދެމުން އައީ ފަސް ކެޓަގަރީއަކަށް ބަހާލައިގެން މަޓާޓޯ ގާލާ އެންޑް އެވޯޑްސް ނައިޓްގައެވެ. އަދި ގެސްޓްހައުސްގެ ވިޔަފާރި ފުޅާވަމުން އަންނަ މިންވަރަށްބަލައި އެ ފަރާތްތަކަށް ވަކިން އެޑިޝަނެއް ކަނޑައަޅައި މަޓާޓޯ ޓްރެވަލް އެވޯޑްސް ދެވިގެންދާމިއީ ފުރަތަމަ އަހަރެވެ. މިދިޔަ އަހަރު މަޓާޓޯގެ ގެސްޓްހައުސް އަށް 45 ނޮމިނޭޝަން ލިބިފައިވާއިރު މިއަހަރު އެއަދަދުވަނީ ދެގުނައަށް އިތުރު ވެފައެވެ.
މަޓާޓޯ އެވޯޑުގެ ހަބަރުތައް އާންމުންނާ ހަމައަށް ގެނެސްދޭނެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.