މީގެ 21 އަހަރު ފަހަތަށް ޖެހިލާނަމެވެ. އޭރު ރާއްޖެއަކީ ވަރަށް ހަމަހިމޭންކޮށް އޮތް ގައުމެކެވެ. ހަމަނުޖެހުމާއި ދެބަސްވުމާއި އަރާރުމުގައި އޮތް ގައުމެއް ނޫނެވެ. ނަމަވެސް ޒަމާނާ އެކު ހާލަތު މިއަދު މިއޮތީ ބަދަލުވެފަ އެވެ. ދިވެހިން ބަލައިގެންފައިވާ ނިޒާމުގެ ތެރެއިން، ލައްކަ ގިނަ ކަންކަން ހިނގަމުން އެބަދެ އެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދު ރާއްޖެ މިއަދު އޮންނާނެ ގޮތުގެ ތަސައްވަރު މީގެ 21 އަހަރު ކުރިން، 1996 ވަނަ އަހަރު އޭނާ ލިޔުނު "ފަގީރުކޮއި"ގައި ގެނެސްދީފައި ވަނީ އަޖައިބު ވާހާ މޮޅަށެވެ. ލޯބީގެ ވާހަކަ އާންމުކޮށް ލިޔެ އުޅޭ ބިންމާ އަށް ރާއްޖެ އަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގެ ތަސައްވަރު އޭނާގެ ސިކުނޑިއަށް އޭރު ވެސް ވަރަށް ރަނގަޅަށް ސިފަވަމުން ދިޔަކަން ވާހަކަ ކިޔައިލުމުން އެނގެ އެވެ.

ބިންމާގެ ހުވަފެނީ ތަސައްވަރު މިއަދު މިވަނީ އެ ހުވެފެނުން ހޭލައި އެންމެންގެ ލޮލަށް އޭގެ މަންޒަރު ހަގީގަތެއްގެ ސިފައިގައި ކިތަންމެ ރީއްޗަކަށް ވެސް ފެންނަން ފަށައިފަ އެވެ.

ފަގީރުކޮއި ގައި ވަނީ ކިހިނެއް؟

ނަމުން ވެސް އެނގޭނެ ފަދައިން އެ ވާހަކަ ބިނާކޮށްފައި ވަނީ ފަގީރު ކުއްޖެެއްގެ މައްޗަށެވެ. ރަށުގެ އެންމެ ފަގީރު އާއިލާއަށް އުފަންވި ފަގީރު ކޮއި ބޮޑުވަމުން ދިޔައިރު، އެ ކޮއި ދިރިއުޅުނު ސަހަރު އޮތީ ވަރަށް ނާމާން ފައްތަރެއްގަ އެވެ. ސަހަރުގައި އިންސާނެއްގެ ސިފަ ޖެހިގެން ދެޔޯއެއް ވެރިކަން ކުރަމުންދިޔަ އިރު އޭނާގެ އަނިޔާވެރިކަން އޮތީ އިންތިހާއަށް ގޮސްފަ އެވެ.

ސަހަރުގައި އިންސާފުގެ ކަންފުޅެއް ވެސް ނެތްއިރު ގަދަފަދަ މީހުން ދިޔައީ އެމީހުންގެ ގަދަފަދަ ކަން ދައްކަމުންނެވެ. އެދުރުގެއަށް ވުރެ މައްޗަށް ކިޔެވުން ވެސް އެ ސަހަރުގައި އޮންނަނީ މަނާކޮށްފަ އެވެ. އެ ހިސާބަށް ކަންތައް ގޮސްފައި އޮތް އިރު އެ ސަހަރު އޮތީ ގާފިލް ކަމުގައި ނިދައިފަ އެވެ. ހޭލުންތެރިކަމާއި ވިސްނުމުން ސަހަރު އޮތީ މުޅިން އެއް ކިބާވެފަ އެވެ.

ބޮޑުވަމުންއައި އިރު ފަގީރު ކޮއިގެ ސިކުނޑި ސަހަރުގެ އެހެން މީހުންނަށް ވުރެ މާބޮޑަށް ވެސް ސިޔާސީ ގޮތުން ތަނަވަހެވެ. ހަމަހަމަކަމާއި އިންސާފަށް ގޮވާލަމުން ދިޔަ ފަގީރު ކޮއިގެ ވާހަކަތަކަށް ސަހަރުގެ މީހުންނަށް އޭރު ފަހުމްނުވި އެވެ. އަދި އެ މީހުންގެ ގަބޫލުކުރަމުން ދިޔަ ގަބޫލުކުރުންތައް ދޫކޮށްލަށް ބޭނުންނުވި އިރު ފަގީރުކޮއިގެ ވާހަކަތަކަށް ދިނީ ބީރުކަންފަތެކެވެ.

ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދު: މިއަދުގެ ސިޔާސީ ވެށި 21 އަހަރު ކުރިން އޭނާ ލިޔުނު ވާހަކަގައި ވަނީ ވަރަށް ރަނގަޅަށް ސިފަކޮށްދީފައި

އެންމެފަހުން ފަގީރުކޮއި އަމާޒު ހިފަނީ އެ ސަހަރުގެ ހުރިހާ މައްސަލައެއްގެ ހައްލު ކަމުގައިވާ ދެޔޯގެ ވެރިކަން މުލުން ލުހެލުމަށެވެ. ރޭގަނޑުގެ ވަގުތުގައި ސަހަރު ހިމޭންވުމުން އެކޮއި ގަނޑުވަރަށް ވަދެ ދެޔޯ ގަތުލުކުރުމަށް ފަހު، ދެޔޯ ގެންގުޅުނު މޫނުމަތި އަޅަނީ އެވެ.

ދެޔޯގެ ވެރިކަން ނިމުމަށް ފަހު ފަގީރު ކޮއި ފެށީ ގައުމު އިސްލާހީ މަގަށް އެޅުވުމުގެ މަސައްކަތެވެ. ސަހަރުގެ ގިނަ ބަޔަކު ގާފިލުކަމުން އަރައިގަން އިރު ކުރިން ދަސްވެފައިނެތް ކިތަންމެ ރަނގަޅު ކަމަކާއި ގޯސް ކަމެއް ވެސް، ދަސްވެ، އަދި ފެންނަން ފެށި އެވެ. އަދި ލިބުނު މިނިވަން ކަމަށް ވުރެ އިތުރު މިނިވަންކަން ވެސް ބޭނުންވި އެވެ. ކުރިން ކާއްޓާއި މަހާ، ހަނޑުލާއި ހަކުރާ ފުށުން، ބަނޑުފުރާނަ މުއްތިކޮށްގެން އުޅުނު ރައްޔިތުން ފިޔަ އާއި އަލުވި ވެސް ބޭނުންވެއްޖެ އެވެ. އާހިރު ނަތީޖާއަކީ ފަހުން އެ ކޮއި އަށް ވުރެ ނުބައި ރަސްކަލެއް ވެސް ނެތުމެވެ.

ރައްޔިތުން އެންމެ ފަހުން އަރައިގަނެ ފަގީރުކޮއިގެ ދުވަސް ދުއްވާލީ އެވެ. އެކަންވެގެން ދިޔައީ ޑިމޮކްރަސީ ނަގައިދިން ފިލާވަޅެއްގެ ގޮތުގަ އެވެ.

ފަހުން ރައްޔިތުން ބޭނުންވާ މީހަކު އިންތިހާބު ކުރި އެވެ. ނަމަވެސް ރައްޔިތުންނަށް އޭނާ ވެސް ކަމަކު ނުދިޔަ އެވެ. އެ ވެރިޔާއަށް ވެސް ޖެހުނީ ފަގީރުކޮޔަށް ޖެހުނު ހާލެވެ. ތާރީހު އަލުން އަނެއްކާ ވެސް އިއާދަވި އެވެ.

"ފަގީރުކޮއި" އާ މިހާރުގެ ހާލަތާ ގުޅެނީ ކިހިނެއް؟

ވާހަކަ ފެށިގެންދާއިރު ސަހަރުގައި ވެރިކަން ކުރަމުން ދިޔައީ ދެޔޯއެކެވެ. އަނިޔާވެރިކާމާއި އިންސާފުން އެއްކިބާވެފައި އޮތް އެ ސަހަރަކީ މާ ހޭލުންތެރި ބަޔަކު އުޅުނު ތަނެއް ވެސް ނޫނެވެ. ރާއްޖޭގައި ވެސް ކުރީގެ ހާލަތު އޮތީ އެ މޭރުމުންނޭ ބުނެވިދާނެ އެވެ. ބިންމާގެ ވާހަކަގައި ވެރިކަން ކުރަމުން ދިޔަ "ދެޔޯ" އެ ސިފަ ކޮށްދެނީ ހުދުމުހުތާރު ވެރިކަމެވެ. ގައުމުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތް އިރު އޭރުގެ ސަގާފަތުގައި ހިޔާލުފާޅުކުރުމަކީ ދިވެހިން ދަންނަ އެއްޗެއް ވެސް ނޫނެވެ.

ވާހަކައިގެ ލީޑް ކެރެކްޓާ އަކީ "ފަގީރު ކޮއެ" ވެ. ސަހަރުގެ އުސޫލުތަކަށް ބޯނު ލަނބައި ދެކޮޅަށް ނުކުތް "ކޮއި"ގެ މިސާލަކީ ރާއްޖޭގައި ފުރަތަމަ ޑިމޮކްރަސީގެ ހުޅުކޮޅޮ ދިއްލުނު ދުވަސްވަރުގެ ވެސް ހާލަތެވެ. ދެތިން މީހަކު އެކަނި މަގުމަތީގައި ހަޅޭއްލަވަމުން ދުވި އިރު ފުރަތަމަ އެ އަޑު ގޮސް ގޮވީ ބީރުކަންފަތްތަކަށެވެ. ރަށުގެ އެންމެ ފަގީރު އާއިލާގެ ކުއްޖަކު ބިންމާ ސިފަކޮށްދޭހެން ރަސްކަމަށް އެރުން ހަޖަމުވަނީ ކިހިނެއް ހެއްޔެވެ؟

ވާހަކައިގެ "އެކްޝަން" ފެށެނީ ކޮއި ސަހަރުގެ ހުދުމުހުތާރު ވެރިޔާގެ، ވެރިކަން މުލުން ލުހެލުމުންނެވެ. ރާއްޖޭގެ ޑިމޮކްރަސީގެ ހަރަކާތްތައް ފެށިގެން ދިޔައިރު ވެސް އެންމެ ބޮޑަށް އިވެމުން ދިޔަ އަޑަކީ އިސްލާހު، އިސްލާހެވެ. އަދި ސަރުކާރަށް ޕްރެޝަރު ބޮޑުވެގެން ދިޔަވަރުން އެންމެ ފަހުން މަޖުބޫރުވީ ގާނޫނު އަސާސީ އިސްލާހުކޮށް ބާރުތައް ވަކިކުރާށެވެ. އެ ހިސާބުން އެ އޮތީ އިދިކޮޅު ފާރަތްތަކުން ނުކުމެ ސަރުކާރު އަނެއްހެން ބުނާ ނަމަ "ސައިޒަށް" ކަނޑާލައިފަ އެވެ.

ބިންމާގެ ވާހަކައިގައި ދެޔޯ މަރާލައި ވެރިކަމަށް ފަގީރުކޮއި އަޔަސް ރާއްޖޭގައި ވެރިކަން ބަދަލުވީ ރައްޔިތުންގެ ވޯޓަކުންނެވެ. ފަގީރުކޮއި ގެނައި އިސްލާހީ ބަދަލެކޭ އެއްގޮތަށް ޑިމްކްރަސީއަށް ދިވެހިން ކުރި ދަތުރުގައި ގައުމަށް އެތަކެއް ބަދަލުތަކެއް އައިތަން ފެނުނެވެ. އޭގެ ތެރޭގައި އިސްލާމީ މުޖުތަމައުއަކަށް ފައިހަމަ ނުވާ ބަދަލާއި އަދި ހެޔޮ ބަދަލު ވެސް ހިމެނެ އެވެ. ދުނިޔޭގެ އެންމެ ތަހުޒީބު ގައުމުތަކުގައި ރައްޔިތުންގެ އަތުގައި ފުރިހަމަ ބާރު އޮންނަހެން ދިވެހިންނަށް ދިވެހިންގެ ބާރު އިހްސާސްވެގެން ދިޔައީ އެ ހަރަކާތްތަކުގެ ތެރެއިންނެވެ. މިނިވަން މުވައްސަސާތަކުން ފެށިގެން ގޮސް އިންސާނީ ގަދަރާއި ކަރާމާތަކީ ކޮންމެ ދިވެއްސެކަށް ވެސް ލިބިފައިވާ ހައްގެއްކަން އެނގިގެން ދިޔަ އެވެ.

ރާއްޖޭގައި ފުރަތަމަ ޑިމޮކްރަސީގެ ހުޅުކޮޅު ދިއްލުނު ދުވަސްވަރު އޮގަސްޓް 12،13 ގެ ބޮޑު މުޒާހަރާގެ ތެރެއިން-- ފޮޓޯ: އަބްދުﷲވަހީދު ބްލޮގް

ބިންމާ ވާހަކަ ސިފަކޮށްދީފައިވާ ފަދަ "ރިވޮލިއުޝަނަރީ" ފަގީރުކޮއި އަކީ ގިނަ ދިވެހިން ވެސް އެންމެ ދެކެން ބޭނުންވާ ހުވަފެނެކެވެ. ޑިމޮކްރަސީގެ މަތިވެރި އުސޫލުތަކުގައި ހިފަހައްޓައި ސުޕްރީމްކޯޓްގައި ތަޅު ނޭޅުވި ނަމަ ކޮންފަދަތޯއޭ ހިތަށް އެރި އެވެ. ފަނޑިޔާރުން ހައްޔަރު ނުކުރި ނަމައޭ ހިތަށް އެރި އެވެ. ދިވެހިންގެ އެއާޕޯޓް ދިވެހިންގެ އަތުން އަތުނުލައި ދިވެހި ފައިސާގެ އަގު ވައްޓާނުލައި ވެރިކަން ކުރި ނަމަ "އެ ރޭ ހާދަ ރުއިމޭ" ކިޔައި އުދާސްތައް ބޭރުކުރާކަށް ނުޖެހުނީހެވެ.

ވާހަކައިގައި "ފަގީރުކޮއި"ގެ ދުވަސް ދުއްވާލައި އޭނާގެ ވެރިކަން ވައްޓާލި ގޮތާއި ޑިމޮކްރަސީ އަށް ފަހު އައި ވެރިކަމުގެ "ހިތި ނިމުން" އައިގޮތާ އެއްގޮތް ވެގެން އުޅޭ ބަޔަކު ވެސް ރާއްޖޭގައި އުޅޭނެ އެވެ. ރާއްޖޭގައި "ވަކި ފިކުރަކަށް" ގޮސް ހުސްވެފައިތިބި ބަޔަކަށް ހަގީގަތް ހަޖަމުނުވާކަމީ ހަގީގަތް ގަބޫލުކުރަން ބޭނުން ނުވިޔަސް ކަން އޮތް ހަގީގަތެވެ.

ވާހަކައިގެ އެންމެ ފަހު ހިސާބަކީ ރާއްޖޭގެ މިހާރުގެ ހާލަތާ އެންމެ ބޮޑަށް ގުޅޭ ހިސާބެވެ. ސަހަރުގައި ލިބުނު މިނިވަންކަމާ އެކު ލިބުނު މިންވަރަށް ޝުކުރުކުރާކަށް ނޭނގުނެވެ. ކާއްޓާއި އަލުއްވާއި މަހާ ކައިގެން އުޅުނު ރައްޔިތުން ފިޔައާއި އަލުވިވެސް ބޭނުން ވެއްޖެ އެވެ. އެއީ އެކަން ވާނެ ވެސް ގޮތެވެ. އިންސާނީ ތޮބީއަތަކީ އެއީ އެވެ.

ރާއްޖޭގައި މީގެ ކުރިން 30 އަހަރު ކޮށްދިނީ ކޮންކަމެއްތޯ އަދި ވެސް ގިނަ ބަޔަކު ސުވާލުކުރާ އިރު ރާއްޖޭގައި މިހާރު ހިންގާ ބޮޑެތި ބިޔަ މަޝްރޫއުތަކާ އެކު ވެސް ހަމަ އެ ސުވާލު ތަކުރާރުވާތަން ދަނީ ފެންނަމުންނެވެ. "ނޯ ވޯޓް ނޯ އެއާޕޯޓް" ލިޔެފައި ހުންނަ ބޯޑު ހިފައިގެން ތިބޭ ދިވެހިން މުޒާހަރާ ކުރާތަން ރާއްޖެ އިން ފެނެ އެވެ.

މި ސަރުކާރަކީ ހުދުކާފުރުގެ މިސާލެއް ކަމުގައި ބުނަނީއެއް ނޫނެވެ. ނަމަވެސް ހިންގާ ބިޔަ މަޝްރޫއުތަކާއި ވެރި ރަށުގަޔާއި އަތޮޅުތަކުގެ އިގްތިސާދު ފަތުއަޑުކިޔާފައި ކުރިއަށްދާ އިރު، އަދި މީހުންގެ އަތްމަތި ތަނަވަސްވަމުން އަންނަ އިރު އެކަން ދަނޭތޯ މިއީ ސުވާލެކެވެ. އަދި ވެސް ޑިމޮކްރަސީ، ޑިމޮކަރަސީ ކިޔަކިޔައި ތިބެނީ އެވެ. ހެޔޮގޮތް ބޭނުން ކުރަން އެނގޭ ހެނެއް ހިޔެއް ނުވެ އެވެ. "ބުޅަކަސް ވަރިހަމަ" ކަމަށް ބުނެ ވެރިކަން ބަދަލުކުރުމުގެ ވިސްނުން ދޫކޮށްލަން ޖެހެ އެވެ. ގައުމު ކުރިއަށް ގެންދަން ޖެހެ އެވެ. އަވައްޓެރިންނާއި ޑިމޮކަރީގެ ނަމުގައި ރާއްޖެ އަޅުވެތިކުރަން މަސައްކަތް ކުރާ މީހުންގެ "ވަކިތަކުން" ސަލާމަތް ކުރަން ޖެހެ އެވެ.

ޖުމްލަކޮށް ބުނާ ނަމަ ބިންމާ ވާހަކައިގައި ގެނެސްދީފައިވާ ގޮތުގެ މައިގަނޑު ރާއްޖޭގެ ސިޔާސީ އޮއިވަރު ހިންގަމުންދާ ގޮތާ އެއްގޮތެވެ. ވާހަކައާއި ސިޔާސީ މަސްރަހާ 100 އިންސައްތަ އެއްގޮތް ވާކަށް ނުޖެހެ އެވެ. މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ ޖޯޖް އޯވެލް 1949ގައި "1984"ގެ ނަމުގައި ލިޔެފައިވާ ވާހަކަ އަކީ މިހާރު ވެސް ވަރަށް މަގުބޫލު ވާހަކައެކެވެ.

ވާހަކައާ މެދު ބިންމާގެ ހިޔާލަކީ ކޮބާ؟

ވިހި ޖެނުއަރީ 1996ގައި އެންމެ ފުރަތަމަ އެ ވާހަކަ ބިންމާ ޝާއިއުކުރި އިރު އެ ވާހަކަ ލިޔުނީ އާންމުކޮށް ލިޔާ ލޯބީގެ ވާހަކަތަކާ ހިލާފަށް ތާފާތު ވާހަކައެއް ލިޔުމުގެ މަސުސަދުގައި ކަމަށް ބިންމާ "ސަން" އަށް ވިދާޅުވި އެވެ.

ވާހަކަގައިގެ މައިގަނޑާ ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާ އެއްވެސް ވަރަކަށް އަޅައިކިއިދާނެތޯ އެހުމުން ހުދު ބިންމާ ވެސް އެވާހަކައިގައިވާ ގިނަ ކަންތައްތައް ހަގީގަތަކަށްވެ ނިމިފައިވާ ކަމަށް ވެސް އެއްބަސްވެ އެވެ.

ބިންމާ ވިދާޅުވީ ވާހަކައިގައި ބަޔާންކޮށްފައިވާ ގޮތަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ ދެން ވެސް ފެނިގެން ދާނީ ވެރިކަން ދެ އިރުދެދަޅައަށް ބަދަލުވެ އެކަން ތަކުރާރު ވަމުން ދާ ތަނެވެ. އަދި ސިޔާސީ މަސްރަހުގައި އެންމެން ހިތްހަމަޖެހޭ ގޮތަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ބިންމާ ވިދާޅުވި އެވެ.

ގުރުއާނުގައި ބަޔާންކޮށްފައިވާހެން އެންމެ ކުރީގައި އިންސާނުން ކެއުމަށް މަންނަސަލްވާ ﷲ މަތިން ބާވާލެއްވި އެވެ. މަންނަ އަކީ ފިނިފައިބާ ގޮތަށް ފޭބީ ކިރަށް ވުރެ ހުދު އަދި މާމުޔަށް ވުރެ ފޮނި އެއްޗެެއް ކަމަށް އިލްމުވެރިން ބުނެ އެވެ. ނަމަވެސް އިންސާނުންނަށް އެ ކަމުނުގޮސްގެން ލޮނުމެދާއި، ފިޔާ ނެރުއްވައި ދިނުމަށް ﷲ ކިބައިން އެދުނެވެ. ބިންމާގެ ވާހަކަގައި އެ މިސާލު ނަގައިފައި ވަނީ ވެސް ހަމަ އެމޭރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސީޔާސީ މަސްރަހާ އެ ވާހަކަ ކިތަންމެ ގުޅުވައިލެވުނަސް ބިންމާ އަކީ އެހާ "ސިޔާސީ" ވެގެން އުޅޭ ބޭފުޅެއް ނޫނެވެ. ނަމަވެސް ސިޔާސީ ކަންތައްތަކަށް ޝައުގުވެރިވާ ކަމަށް ވެސް ބިންމާ ވިދާޅުވި އެވެ. އަދި ސަރުކާރުން ކުރާ ރަނގަޅު ކަންތައްތައް ބަލައިގަންނާނެ ކަމަށާއި އަދި ނުރަނގަޅު ކަންތައްތައް ބަލައިނުގަންނާނެ ކަމަށް ވެސް ބިންމާ ބުންޏެވެ.

ބިންމާ ވިދާޅުވީ އެ ވާހަކަ އެކި ގޮތްގޮތަށް ވެސް މާނަކުރެވިދާނެ ކަމަށެވެ. އެގޮތުން އޮފީސް މާހައުލުގައި ވެރިޔަކަށް ހުންނަ މީހާ ކަމުނުގޮސްގެން ބޭރުކުރަން މަސައްކަތްކުރާ މިހާ، އޮފީހުގެ ވަރިޔާގެ މަގާމަށް އައުމުން އޭނާ އަށް ވެސް ކުރިން ހުރި ވެރިޔާއަށް ޖެހުނު ހާލުޖެހުމަކީ އާންމުކޮށް ހިނގާ ކަމެއްކަން ބިންމާ ފާހަގަ ކުރެއްވި އެވެ.

މީގެ 21 އަހަރު ކުރިން މިވާހަކަ ލިޔުއްވި އިރު މާބޮޑު ތަރުހީބެއް ނުލިބުނުކަމަށް ބިންމާ ވިދާޅުވި އެވެ. ނަމަވެސް މިހާރު އެ ކަހަލަ ވާހަކައެއް ލިޔެފި ނަމަ ވަރަށް "ހިނގާނެ" ކަމަށް ހުދު ބިންމާ ވެސް އެއްބަސްވެ އެެވެ.

މިވާހަކަ އަހަރެން ފުރަތަމަ ކީއިރު އަހަރެންގެ އުމުރަކީ އެންމެ ނުވަ އަހަރެވެ. މިއީ އަހަރެން ބޮޑުވަމުން އައި ދުވަސްވަރުގެ ހަނދާންތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ވާހަކައެއް ވެސް މެ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުން ދިޔަ ބަދަލުތަކާ މެދު ވިސްނާލި ކޮންމެ ފަހަރަކު އަހަރެންގެ ސިކުނޑީގައި ވެސް އެނބުރެމުން ދިޔައީ ބިންމާގެ ވާހަކަ އެވެ.

ބިންމާ ފަދައިން އަހަރެންނަކީ ވެސް ސިޔާސީ ވެގެން ހައްދުފަހަނަ އަޅައިގެން އުޅޭ މީހެއް ނޫނެވެ. ސިޔާސީ ގޮތުން ރާއްޖެއަށް އަންނަ ބަދަލުތަކާ މެދު ފުންކޮށް ވިސްނާ ހަދަމެވެ. ގައުމަށް އަންނަމުންދާ ބަދަލުތަކަކީ އާދައިގެ ބަދަލުތަކެއް ނޫނެވެ. ވިސްނައި ފިކުރުކުރާ މީހަކަށް އެއިން ވެސް އިބުރަތް ހާސިލްކުރެވޭނެ އެވެ.