އައްޑޫސިޓީ، އީކުއޭޓާ ވިލެޖުން ޖަޒްލާން މުހައްމަދު

ސައުތު އޭޝިއަން ޓްރެވަލް އެވޯޑަށް ސައުތު އޭޝިއާގެ މަޝްހޫރު ބްރޭންޑްތަކުން އެތައް ބަޔަކު ވަނީ އައްޑޫސިޓީއަށް ޖަމާވެފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ރާއްޖެއަށް ވެސް އަދި އައްޑޫ ސިޓީއަށް ވެސް އަލަށް ޒިޔާރަތް ކުރި މީހުންނެވެ. އައްޑޫ ސިޓީގެ ރީތިކަން ދައްކާލައި، އެ ސިޓީގެ ތާރީހީ ތަންތަނަށް ބަލާލުމުގެ ފުރުސަތު ސަޓާގެ ބައިވެރިންނަށް ވަނީ ފަހިކޮށްދީފަ އެވެ. އަދި ތާރީހީ ތަންތަންނުގެ މައުލޫމާތު ވެސް ވަނީ ކިޔައިދީފަ އެވެ.

މޯލްޑިސްވް ޕޮލިސް ސާވިސް އަދި އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ އެ ޓުއާ ފެށީ އީކުއޭޓާ ވިލެޖުންނެވެ. ދަތުރު ފެށިގެން ދިޔައިރު، އައްޑޫ ސިޓީ ފޭދޫ ސްކޫލުގެ ދަރިވަރުން ދިޔައީ ތަންތަނާ ބެހޭ ގޮތުން މައުލޫމާތުދީ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އާރްއޭއެފްގެ މިލިޓަރީ ބޭސްއަށް ޒިޔާރަތްކޮށް، ސަޓާގެ ބައިވެރިން ވަނީ އެތަނުގެ ތާރީހީ ތަންތަން ބަލާލާފައި --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީން އައްޑޫސިޓީގެ ގަމުގައި ހަދާފައިވާ ރޯޔަލް އެއާ ފޯސް (އާރްއޭއެފް)ގެ މިލިޓަރީ ބޭސްއަށް ސަޓާގެ ބައިވެރިން މިއަދު ވަނީ ޒިޔާރަތް ކޮށްފަ އެވެ. އެތަން މިހާރު ބޭނުން ކުރަމުން އަންނަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރުމަށެވެ.

"ރާއްޖޭގައި ހުރި ކުރީގެ އިނގިރޭސިންގެ ބިމަކަށް ގޮސް، އެ ތަނުގައި ފޮޓޯ ނަގައިގެން އަޅުގަނޑު ވެސް މި އައީ. މިތަނާ ގުޅިފައިވާ ތާރީހަކީ އަޅުގަނޑު ވަރަށް ގަޔާވާ ތާރީހެއް. އެކަމާ ބެހޭ ގޮތުން އިތުރަށް ހޯދުމަށް އަޅުގަނޑު މަސައްކަތް ކުރާނަށް،" އިންޑިއާއިން ސަޓާގައި ބައިވެރިވި މީހަކު ބުންޏެވެ.

ސަޓާގެ ބައިވެރިން ވަނީ ގަމުގައި ހުރި ރާއްޖޭގެ އެންމެ ފުރަތަމަ ސިނަމާ ވެސް ބަލާލާފަ އެވެ. އިނގިރޭސީން ޖަލެއްގެ ގޮތުގައި ބޭނުން ކުރި "ބޮޑޭގެ"އަށް ގޮސް އެ ގެއާ ގުޅިފައިވާ ތާރީހު ވެސް ވަނީ ސަޓާގެ ބައިވެރިންނަށް ކިޔާދީފައެވެ. އެ ގެއަކީ އާރްއޭއެފްގެ މީހުން ޖަލެއްގެ ގޮތުގައި އަދި ހަތިޔާރު ރައްކާކުރި ގުދަނެއްގެ ގޮތުގައި ބޭނުން ކޮށްފައިވާ ތަނެކޭ ވެސް ބައެއް ތާރީހީ ވާހަކަތަކުގަވެ އެވެ. އޭގެ ފަހުން އެކި ބައްދަލުވުން ބާއްވައި ސިނާމާއެއްގެ ގޮތުގައި ވެސް ވަނީ ބޭނުން ކޮށްފައެވެ.

އާރްއޭއެފްގެ މިލިޓަރީ ބޭސްއަށް ޒިޔާރަތްކޮށް، ސަޓާގެ ބައިވެރިން ވަނީ އެތަނުގެ ތާރީހީ ތަންތަން ބަލާލާފައި --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ސަޓާގެ ބައިވެރިން ވަނީ އައްޑޫ ސިޓީގައި ހިމާޔަތްކޮށްފައިވާ އީދިގަލިކިޅި އަދި ކޯއްޓޭ ސަރަހައްދަށް ގޮސް ފޮޓޯ ނަގައި އެތާނގެ ރީތިކަން ބަލާލާފަ އެވެ. އެތަނާ ބެހޭ ގޮތުން ވެސް ސަޓާގެ ބައިވެރިންނަށް ވަނީ މައުލޫމާތު ހިއްސާކޮށްފަ އެވެ. އީދިގަލިކިޅި އަދި ކޯއްޓޭ ސަރަހައްދަކީ 2004 ވަނަ އަހަރުން ފެށިގެން ހިމާޔަތް ކޮށްފައިވާ ސަރަހައްދެކެވެ. އެ ސަރަހައްދުން 23 ވައްތަރެއްގެ ދޫނި ފެންނަ ކަމަށް ރިކޯޑް ކުރެވިފައިވެއެވެ. އޭގެތެރެއިން ދެ ވައްތަރެއްގެ ދޫންޏަކީ އެ ސަރަހައްދަށް ހާއްސަ ދެ ވައްތަރެއްގެ ދޫންޏެވެ.

ހެނދުނުގެ ވަގުތުގައި ފެށި ޓުއާ ނިމުމަކާ ހަމައަށް ދިޔައީ މެންދުރުފަހު ދޭއް ޖަހަން އުޅެނިކޮށެވެ. ޓުއާގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ސަޓާގެ ބައިވެރިން ދިޔައީ ރާއްޖޭގެ އެންމެ ދެކުނުގައި ފާހަގަ ކޮށްފައިވާ "ސަދާން މޮސްޓް ޕޮއިންޓް މޯލްޑިވްސް" އަށެވެ. އެތަނަކީ ސަޓާގެ ގިނަ ބައިވެރިންނަށް އެންމެ ކަމުދިޔަ އެއް ތަނެވެ. ރާއްޖޭގެ އެންމެ ދެކުނުގައި ހުއްޓި ހުރެ ދިވެހި ދިދަޔާއެކުގައި ފޮޓޯ ނަގާލުމަކީ އެމީހުންނަށް ވެސް ލިބުނު ޝަރަފަކަށްވި އެވެ.

"ރާއްޖެ އައިސް އެ ކުރެވުނު ތަޖުރިބާއަކީ މުޅިން އަލަށް ހަޔާތުގައި ކުރެވުނު ތަޖުރިބާއެއް. އަޅުގަނޑަށް ހީކުރެވިފައި އޮތީ ސަދާން މޮސްޓް ޕޮއިންޓަކީ އައްޑޫސިޓީގެ އެންމެ ދެކުނު ކަމަށްް. އެތަނުގައި ހުރެ ފޮޓޯ ނެގިފަހުން ސަދާން މޮސްޓް ޕޮއިންޓްގައި ހުރެ ފޮޓޯ ނެގި ފަހުން މި އެނގުނީ އެތަނަކީ މުޅި ރާއްޖޭގެ ވެސް އެންމެ ދެކުނުކަން. އެހެންވީމަ އެ ޝަރަފު ވެސް އަޅުގަނޑަށް ލިބިއްޖެ،" ނޭޕާލުން ސަޓާގައި ބައިވެރި ބޭފުޅަކު ވިދާޅުވި އެވެ.

ބޮޑޭގެ ސަރަހައްދުގައި ސަޓާގެ ބައިވެރިން --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

މިއަދުގެ ޓުއާގެ ތެރެއިން ސަޓާގެ ބައިވެރިން ވަނީ އައްޑޫ ސިޓީގެ ފޭދޫގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތުގައި ސަޓާގެ ބައިވެރިން ވަނީ ގަސް އިންދުމަށް ފަހުގައި އެ މީހެއްގެ ނަން ޖަހާފައިވާ ފިލާ ގަސްކައިރީގައި ބަައްޓާފަ އެވެ.

ސަޓާގެ ފެސްޓިވަލްގެ ހަރަކާތްތަށް ނިމި މިރޭ އޮންނާނީ ސަޓާގެ ސެލެބްރޭޝަން ޕާޓީއެވެ. އެއަށްފަހުގައި ސަޓާގެ ފެސްޓިވަލް ނިމި ބައިވެރިން އައްޑޫއިން ފުރާނީ މާދަމާ އެވެ.