ޏ. ފުވައްމުލަކުގައި މިއަދު ބޯވާ ނަގަން ގޮސް އުޅެނިކޮށް ހާލު ސީރިއަސްވެ އެރަށު ހޮސްޕިޓަލަށް ގެންދިޔަ މީހާ ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

ޏ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ފަރުޒާދު "ސަން" އަށް ވިދާޅުވީ އެރަށު ގާވިޔާ، އުމުރުން 42 އަހަރުގެ އަބްދުﷲ އަފްރާހު މަރުވީ މިއަދު ހަވީރު 5:30 އެހައިކަންހާއިރު ކަމަށެވެ.

އެ މީހާ އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު 10:35 އެހައިކަންހާއިރުއެވެ.

ފަރުޒާދު ވިދާޅުވީ މަރުވިއިރު އަފްރާހުއަށް ފަރުވާދިނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

"މައުލޫމާތު ލިބޭ ގޮތުގައި އެމީހާ ބޯވާ ނަގަން ގޮސް އުޅެނިކޮށް އަކުނިވަޔަށް ދެމުމުން ބަޔަކުގޮސް ހިކިތަނަކަށް އޭނާ ގެންދިޔައީ. ދެން އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި އެ ބަޔަކަށް ފެނުނީ އަނެއްކާ ވެސް މޫދުގައި އޭނަ ހާލު ގޯސްވެގެން އުޅެނިކޮށް. މިއީ މިހާތަނަށް މައުލޫމާތު ލިބިފައިވާގޮތް،" ފަރުޒާދު ވިދާޅުވި އެވެ.