ވޭތުވެދިޔަ ހަތަރު އަހަރު 75 ރަށް ފެނަށް ޖެހުނު ކަމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ކަނޑުދަނޑިތައް ހާސިލް ކުރުމުގައި ދިމާވާ ހުރަހަކީ އެއީ ކަމަށް އެންވަޔަރަމެންޓް މިނިސްޓާ ތާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅޭ ގޮތުން ތަރައްގީއަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކަށް ބޭއްވި ދެ ދުވަހުގެ ގައުމީ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓާ ތާރިގު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީ) ހަސިލްވާ މިންވަރު ބެލުމަށް އެންވަޔަރަމެންޓް މިނިސްޓްރީއާ ހަވާލު ކުރެވުނީ މިދިޔަ އަހަރު ކަަމަށާއި އެސްޑީޖީގެ 15 ލަނޑުދަނޑީގެ ތެރެއިން ހަތް ވަނަ ލަނޑުދަނޑި ހާސިލްކުރުމުގައި ރާއްޖެއިން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ހަތް ވަނަ ލަނުދަނޑިއެއްގެ ގޮތުގައި ހިމެނެނީ "އެފޯޑެބުލް އެންޑް ކްލީން އެނާޖީ" ނުވަތަ އެކަށޭނަ އަގެއްގައި ސާފު ހަކަތަ ފޯރުކޮށްދިނުމެވެ.

އެ ލަނޑުދަނޑި ހާސިލް ކުރުމަށް ރާއްޖެގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލު ގަޑީގައި ބޭނުން ކުރާ ހަކަތައިގެ 30 އިންސައްތައަކީ އިއާދަކުރުވަނިވި ހަކަތައަށް ހެދުމަށް މަސައްކަތް ކުރެވެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން އައްޑޫ ސިޓީގައި ދުވާލު ގަޑީގައި ބޭނުންކުރާ ހަކަތައިގެ 30 އިންސައްތައަކީ އިއާދަކުރަނިވި ހަކަތަައަށް ހެދިފައިވާ ކަމަށް މިނިސްޓާ ވިދާޅުވިއެވެ.

"އިރާދަ ކުރެއްވިއްޔާ އަންނަ އަހަރު ނިމެންވާއިރަށް ހުރިހާ ރަށެއްގައި މި ވަސީލަތް ގާއިމު ކުރެވޭނެ،" މިނިސްޓަރު ވިދާޅުވީ ފެނާއި ނަރުދަމާ ރާއްޖޭގެ 75 ޕަސެންޓް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިއްޔެ އާއި މިއަދު ކުރިއަށް ގެންދިޔަ މަހާސިންތާގައި ކުޑަކުދިންނާއި، އަންހެނުންނާއި، ދުޅަހެޔޮ ސިއްހަތާއި، މޫސުމީ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ހުރި ގުޅުމާ ބެހޭ ގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކޮށްފައިވެ އެވެ. ތަރައްޤީގެ ޕްރޮޖެކްޓްތަކަށް ފަންޑު ހޯދާނެ ގޮތާއި، އެކި އެކި ބައިވެރިންގެ މެދުގައި ގުޅުން ބަދަހި ކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން ބައިވެރިންގެ މެދުގައި ވަނީ މަޝްވަރާކުރެވިފައެވެ.

އެ ފޯރަމްގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން 100 އަށްވުރެ ގިނަ ޖަމްޢިއްޔާއިން ބައިވެރިވި އެވެ. މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަމްއިއްޔާ ޖަމާއަތްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑިދަނޑިތައް ހާސިލްކުރުމަށް ސީއެސްއޯތަކުގެ ދައުރު ބޮޑު ކަމަށެވެ.

"ކޮންމެ ސަރުކާރެއް އޮތްނަ މަވެސް ޖަމްއިއްޔާ ޖަމާއަތްތަކުން މަސައްކަތް ކުރަންވާނީ އެ ސީއެސްއީއެއްގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް. ސިޔާސީ ވާކަށް ނުޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.