މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެންމެންޔޫއެސްޔޫ) އާއި ލ. ގަމުގެ ގޮތްޕެއް ކަމަށްވާ އަހުރަ އިން އިންތިޒާމުކޮށްގެން ގަމާއި އެ އަތޮޅު ފޮނަދޫގެ ސްކޫލުތަކާއި ސަރުކާރު މުއައްސަސާތުގެ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގަމުގެ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ (ޑަބްލިޔުޑީސީ) ހޯދައިފި އެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން ޑަބްލިޔުޑީސީ އިން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި 5-1 ލަނޑުގެ ނަތީޖާ އަކުން ފޮނަދޫގެ ޕަބްލިކް ވޯކް ސާވިސް (ޕީޑަބްލިޔުއެސް) ބަލިކޮށްގެންނެވެ.

އެ މުބާރާތް ނިންމުމުގެ ގޮތުން ބޭއްވި ކުލަގަދަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޒުވާނުންނާއި ކުޅިވަރާބެހޭ އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

ނިންމުމުގެ ރަސްމިއްޔާތުގައި ވަނަވަނަ އަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް ޓްރޮފީ ހަވާލު ކޮށްދިން އިރު، މުބާރާތުގައި ބައިވެރިވި ހުރިހާ ޓީމުތަކަށް ހަނދާނީ ލިޔުން ހަވާލުކުރި އެވެ. އަދި މުބާރާތް ކުރިއަށް ގެންދިއުމަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެޕްރިސިއޭޝަން އެވޯޑު ދިނެވެ.

އެ މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޑަބްލިޔުޑީސީގެ އަޒީފާ އާއި، އެ ޓީމުގެ ޒާހިރާ އާއި، ހަމަ އެ ޓީމުގެ މަޒިއްޔާ އާއި، ޕީޑަބްލިޔުއެސްގެ ޖަމީލާ އާއި، އެ ޓީމުގެ ރަމްލާ އާއި، އަތޮޅު ކައުންސިލް ޓީމުގެ މިޒްނާ އަދި ބައްރު ޕްރީ ސްކޫލުގެ ޝާޒްނާ އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޑަބްލިޔުޑީސީގެ ކޯޗު ތަހުމީނާ އަލީ އެވެ.

އެޕްރިސިއޭޝަން އެވޯޑު ދީފައި ވަނީ މުބާރާތުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރި ފަރާތްތަކާއި ރެފްރީކަން ކުރި ފަރާތްތަކަށެވެ. އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވީ މުހައްމަދު ސުނިލް އާއި، އައިޝަތު ލީޒާ އަދި އިބްރާހިމް ރަޝީދެވެ. ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވީ އަބްދުލް މުހައިމިން އާއި، މުހައްމަދު އަދުހަމް އާދަމް އާއި، ހުސައިން ސޮބާހު އާއި، ހުސައިން ޒަރީ އާއި، ނިމާލް އަހްމަދު އަދި ހުމައިދު ހަލީމެވެ.

މި މަހުގެ 19 އިން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ އެ މުބާރާތުގެ މަގްސަދަކީ އެމްއެންޔޫ ގަން ކެމްޕަހާއި އަހުރަ ގޮތްޕަކީ އަތޮޅުގެ އެންމެން ދަންނަ އެންމެންނާ ގާތް ގުޅުމެއް އޮންނަ ތަނަކަށް ހެދުމެވެ. އޭގެ އިތުރުން އެމްއެންޔޫ ގަން ކެމްޕަހުގައި އޮންނަ ކޯސްތަކަކީ ބައިވެރިންނަށް އުފާވެރި މާހައުލަކަށް ހެދުން ވެސް އެ މުބާރާތުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މުބާރާތުގައި ވާދަކުރި ޓީމުތަކަކީ މުކުރިމަގު ސްކޫލް، އިހައްދޫ ސްކޫލް، ހަމަދު ބިން ހަލީފާ އަލް ތާނީ ސްކޫލް، ބައްރު ޕްރީ ސްކޫލް، ކައްދޫ، ޕަބްލިކް ސާވިސް ވޯކް، ފެނަކަ، އެސްޓީއޯ، ގަން ކައުންސިލް، އަތޮޅު ކައުންސިލް، ގަން އަންހެނުންގެ ކޮމިޓީ، އެމްއެންޔޫ ގަން ކެމްޕަސް، ލ. އަތޮޅު ތައުލީމީ މަރުކަރު، ލ. ގަން ހޮސްޕިޓަލު އަދި ދިރާގެވެ.

އެ މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކީ ލ. ގަން ޕޮލިސް ސްޓޭޝަނެވެ. ކޯ ސްޕޮންސަރުންނަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.