29 Oct 2017, 17:28
ދެކުނު އޭޝިއާގެ އެތެރޭގެ އުދުހުންތަކުގައި ލީޑީން އެއާލައިނަކަށް ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހޮވިއްޖެ އެވެ.
ސަރަހައްދުގެ ގައުމުތަކާ ވާދަކޮށް، މޯލްޑިވިއަން އެ މަގާމު ލިބުނީ އައްޑޫ ސިޓީ، އިކުއޭޓާ ވިލެޖުގައި ރޭ ބޭއްވި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ގާލާ އެންޑް އެވޯޑް ހަފްލާގައެވެ.
މޯލްޑިވިއަން އެ އެވޯޑް ހާސިލްކޮށްފައި ވަނީ، އެ އެވޯޑަށް ނޮމިނޭޓްވި ފްލައި މީ އަދި ނޭޕާލްގެ ހިމާލަޔާ އެއާލައިނާ ވާދަކޮށެވެ.
ރާއްޖޭގެ 10 އެއާޕޯޓަށް ކޮންމެ ދުވަހަކު ވެސް ދަތުރުކުރާ މޯލްޑިވިއަން ފްލައިޓުތަކުގެ އަދަދަކީ 20 އެވެ. އެ އެއާލައިނުން ސީޕްލެއިންގެ ހިދުމަތް ވެސް ދެ އެވެ.
މޯލްޑިވިއަނުން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރާ މިންވަރަށް ބަލައި މޯލްޑިވިއަންގެ ފްލައިޓްތައް އިތުރު ކުރުމަށް ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މާލެއާ ކައިރީ ހިސާބުގައި ރިސޯޓް އަދި ހޮޓެލްތައް މަދުވުމުން ފަތުރުވެރިން ރާއްޖޭގެ އެކި ހިސާބަށް ގެންދިއުމުގެ މަސައްކަތް ކުރަން ޖެހެނީ ގައުމީ އެއާލައިނަށް ކަމަށްވުމުން އަންނަ މަހުގެ ފަހުކޮޅުގައި ޑޮމިސްޓިކް ފްލައިޓްތައް އިތުރު ކުރާނެކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.