29 Oct 2017, 15:55
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ހދ. ކުމުންދޫ އާއި ރ. އިނގުރައިދޫ އާއި އދ. ކުނބުރުދޫ އާއި ދ. މާއެނބޫދޫ އަދި ލ. ގަމުން ޒޯން ބުރުގެ ފެށުން ރަނގަޅު ކޮށްފި އެވެ.
މާފަންނު ސްޓޭޑިއަމް ވެލި ދަނޑުގައި ރޭ ކުޅުނު ޒޯން އެކެއްގެ މެޗުގައި ހއ. ވަށަފަރު އަތުން ހދ. ކުމުންދޫ މޮޅުވީ 2-1 ލަނޑުގެ ނަތީޖާ އަކުންނެވެ. ރޭ ކުޅުނު ޒޯން ދޭއްގެ މެޗުގައި ނ. ކެނދިކުޅުދޫ އަތުން ރ. އިނގުރައިދޫ މޮޅުވީ 3-1 ލަނޑުގެ ނަތީޖާ އަކުންނެވެ.
ޒޯން ތިނެއްގައި ރޭ ކ. ގާފަރާއި އއ. ފެރިދޫ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމު އެއްވަރު ވެގެންނެވެ. ޒޯން ހަތަރެއްގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ މ. މަޑުއްވަރީ އާއި އދ. ކުނބުރުދޫ އެވެ. އެ މެޗުން ކުނބުރުދޫ މޮޅުވެފައި ވަނީ 2-0 ލަނޑުގެ ނަތީޖާ އަކުންނެވެ.
ރޭ ކުޅުނު ޒޯން ފަހެއްގެ މެޗުގައި ފ. ނިލަންދޫ އަތުން 4-3 ލަނޑުގެ ނަތީޖާ އަކުން ދ. މާއެނބޫދޫ މޮޅުވެފައިވާ އިރު، ޒޯން ހައެއްގެ މެޗުގައި ބައްދަލުކުރީ ގއ. ނިލަންދޫ އާއި ލ. ގަމެވެ. ޒޯން ހައެއްގެ މެޗުން ގަން މޮޅުވެފައި ވަނީ 1-0 ލަނޑުގެ ނަތީޖާ އަކުންނެވެ.
އެ މުބާރާތުގެ ޒޯން ބުރުގެ މެޗުތައް މިރޭ ވެސް ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ ބުރުގައި ވާދަކުރަނީ އަތޮޅު ބުރުގެ ޗެމްޕިއަން ޓީމުތަކެވެ. ޒޯން ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް ފައިނަލް ބުރުން ޖާގަ ލިބޭނެ އެވެ.
ޒޯން ބުރުގައި ވާދަކުރާ ޓީމުތައް:
ޒޯން އެކެއް - ހއ. ވަށަވަރު، ހދ. ކުމުންދޫ، ށ. ބިލެއްފަހި.
- ޒޯން ދޭއް - ނ. ކެނދިކުޅުދޫ، ރ. އިނގުރައިދޫ، ބ. ތުޅާދޫ.
- ޒޯން ތިނެއް - ކ. ގާފަރު، އއ. ފެރިދޫ.
- ޒޯން ހަތަރެއް – އދ. ކުނބުރުދޫ، މ. މަޑުއްވަރީ.
- ޒޯން ފަހެއް – ފ. ނިލަންދޫ، ދ. މާއެނބޫދޫ، ތ. ތިމަރަފުށި.
- ޒޯން ހައެއް – ލ. ގަން، ގއ. ނިލަންދޫ، ގދ. ތިނަދޫ.
- ޒޯން އަށެއް – ހެންވޭރު، މާފަންނު، ގަލޮޅު، މައްޗަންގޮޅި.
މިއަހަރު އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 65،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިދިޔަ އަހަރު ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް އެ މުބާރާތުގައި 50 ޓީމެއް ވާދަކުރެ އެވެ.