ބަންގްލަދޭޝް މަސައްކަތު މީހުން ރާއްޖެ ގެންނައިރު މެޑިކަލް ޗެކްއަޕް ހަދައިގެން ރާއްޖެ ގެންނަ ގޮތަށް ހަމަޖައްސައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ހަލީލް ވިދާޅުވީ މޯލްޑިވްސް އިމިގްރޭޝަން ޕްރީ ޑިޕާޗާ ސެކިއުރިޓީ ސްކްރީނިން ސިސްޓަމް (މިޕްސް) ބޭނުން ކުރަން ފެށުމާ އެކު ބަންގްލަދޭޝް އިން ގެންނަ މަސައްކަތު މީހުންގެ މެޑިކަލް ޗެކްއަޕް ހަދާނީ އެ ގައުމުގައި ކަމަށެވެ. އެގޮތުން ބަންގްލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަނާއި އެ ގައުމުގެ ކަމާ ބެހޭ ފަރާތްތައް ގުޅިގެން ކުރިއަށް ގެންދާ ޓެސްޓްތަކަށް ފަހު ރާއްޖެ އަށް އައުމުގެ ހުއްދަ ބަންގުލާދޭޝް މީހުންނަށް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަނގްލަދޭޝްގައި މެޑިކަލް ޗެކްއަޕް ހަދާ ތަންތަނަކީ ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ ގަބޫލުކުރާ ތަންތަން ކަމަށާއި ރާއްޖެ އައުމަށް ވިސާދޭ އިރު އެމީހަކީ ކުށުގެ ރެކޯޑް އޮތް މީހެއްތޯ ވެސް ޗެކް ކުރާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

"މިގޮތަށް ހެދި ނަމަވެސް އެއް އަހަރު ފަހުން ވިސާ އާކުރާ އިރު އެމީހަކު ޖެހޭނީ ރާއްޖޭގައި މެޑިކަލް ހަދަން،" ހަލީލް ވިދާޅުވީ އަލަށް އަމަލު ކުރަން ފެށި ސިސްޓަމްގެ ސަބަބުން ނުރައްކާތެރި ބަލިތައް ހުންނަ މީހުންނާއި ކުށްވެރިން ރާއްޖެ އައުން ހުއްޓުވޭނެ ކަމަށެވެ. "މިހާރު ވެސް ރާއްޖޭގައި އުޅޭ މަސައްކަތު މީހުންގެ ގައިން ލެޕްރަސީ އާއި ޓީބީ ފަދަ ބަލިތައް ފެނިފައި އެބަހުރި. އަލަށް އަމަލުކުރަން ފެށުނު މިޕްސްގެ ސަބަބުން މިކަންތައް ހުއްޓުމަކަށް އަންނާނެ،"

އަދި އޭނާ ވިދާޅުވީ އެބަދަލާ އެކު އޮޅުވަލައިގެން ރާއްޖެ އަންނަ މަސައްކަތު މީހުން އައުން ވެސް ހުއްޓުމަކަށް އަންނާނެ ކަމަށެވެ.

ހަލީލް ވިދާޅުވީ އަލަށް އަމަލު ކުރަން ފެށި ސިސްޓަމާ މެދު ބައެއް ކުންފުނިތަކުން ހިތްހަމަނުޖެހުން ފާޅުކުރާ ކަމަށާއި އެއީ އޮޅުވަލައިގެން މަސައްކަތު މީހުންގެ އަތުން ޑިޕޮސިޓް ފައިސާ ނެގުން ފަދަ ކަންތައް އާ ސިސްޓަމްގެ ތެރެއިން ނުކުރެވޭނެތީ ކަމަށެވެ.