ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ ފައިސާ މިއަދު ޕާޓީތަކަށް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެކިއެކި ޕާޓިތަކަށް މިއަދު ދީފައި ވަނީ ޖުމުލަ 23 މިލިއަން ރުފިޔާ އެވެ.

މި އަހަރު ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ނުލިބިގެން ބައެއް ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ފިނޭންސުން އެ ފައިސާ ޖަމާ ކޮށްދީފައިވާ އިރު، މި އަހަރު ވެސް އެންމެ ގިނަ ފައިސާ ލިބުނީ އެންމެ ބޮޑު ޕާޓީ ޕީޕީއެމް އަށެވެ. އެގޮތުން އެ ޕާޓީއަށް ވަނީ 10 މިލިއަން ރުފިޔާ ދީފަ އެވެ. ޕީޕީއެމްއަކީ އެންމެ ގިނަ މެމްބަރުން މިވަގުތު ތިބި ޕާޓީ އެވެ.

އެމްޑީޕީ އަށް މި އަހަރު ލިބިފައި ވަނީ 7.4 މިލިއަން ރުފިޔާ އެވެ. އެ ޕާޓީއަކީ ދެވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީ އެވެ. ސަރުކާރާ އެކު މަސައްކަތް ކުރާ އެމްޑީއޭ އަށް 2.7 މިލިއަން ރުފިޔާ ދީފައިވާ އިރު ޖުމްހުރީ ޕާޓިއަށް ވެސް ފައިސާ ދޫކޮށްފައި ވަނީ ހަމަ އެ އަދަދަށެވެ.

ވޭތުވެ ދިޔަ އަހަރު ވެސް ސިޔާސީ ޕާޓިތަކަށް ފައިސާ ދުކޮށްފައި ވަނީ އަހަރު ނިމެން އުޅެނިކޮށެވެ. ނަމަވެސް ޕާޓީތަކަށް ފައިސާ ދޫކުރުން ލަސްވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ފިނޭންސުން ބުނެފައެއް ނުވެ އެވެ.