29 Oct 2017, 15:44
މަޓާޓޯ ގެސްޓްހައުސް އެވޯޑަށް ނޮމިނޭޓްވެފައިވާ 96 ފަރާތަށް ވޯޓުލުމަށް ހުޅުވާލި ފުރުސަގައި 82000 ވޯޓު ލިބިފައިވާ ކަމަށް މަޓާޓޯ އިން ބުނެފި އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މަޓާޓޯ އިން ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިފައިވާ އިރު 32000 ވޯޓު ލިބިފައި ވަނީ އޮންލައިންކޮށް ކަމަށް މަޓާޓޯ އިން ބުންޏެވެ. އަދި ބާކީ 50000 ވޯޓަކީ އެސްއެމްއެސް މެދުވެރިކޮށް ލިބިފައިވާ ވޯޓު ކަމަށް ވެސް މަޓާޓޯ އިން ބުންޏެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މަޓާޓޯގެ ޑެޕިއުޓީ ސެކެޓްރީ ޖެނަރަލް އަސްރާ ނަސީމް ވިދާޅުވީ، މިފަހަރުގު ގެސްޓްހައުސް އެޑިޝަނަށް ޖަޖުކުރުމުގައި އެހެން ފަހަރުތަކާ ހިލާފަށް ލިބިފައިވާ ވޯޓުން ނަގާނީ 60 ޕަސެންޓް ކަމަށާއި ބާކީ 40 ޕަސެންޓް ޖަޖުކުރާނީ ޓްރިޕް އެޑުވައިޒާގެ ރިވިއުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ގެސްޓްހައުސް އެޑިޝަން 15 ކެޓަގަރީއަކަށް ބަހާލާފައިވާ އިރު އޭގެ ތެރެއިން ތިން އެވޯޑަކީ މަޓާޓޯ އިން ފާހަގަކޮށް ދެވޭ އެވޯޑެއް ކަމަށް އަސްރާ ވިދާޅުވި އެވެ. އަދި ބަކީ 12 ކެޓަގަރީގެ އެވޯޑް އަކީ ވޯޓުން އަދި ޓްރިޕް އެޑްވައިޒާ ބޭނުންކޮށް ހޮވާ އެވޯޑުތައް ކަމަށް ވެސް އަސްރާ ވިދާޅުވި އެވެ.
މަޓާޓޯ ގެސްޓްހައުސް އެޑިޝަން ބާއްވަން ހަމަޖެހިފައި ވަނި މާދަމާ މާފުށީގަ އެވެ.
މަޓާޓޯ އެވޯޑުގެ ހަބަރުތައް އާންމުންނާ ހަމައަށް ގެނެސްދޭނެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.