ޤާހިރާ (އޮގަސްޓް 3) : މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ސިއްޙީ ޙާލުކޮޅު ކޮންމެ ގޮތަކަށް ހުރިނަމަވެސް ޤާހިރާގައި ހުންނަ ފުލުހުންގެ އެކަޑަމީގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ޝަރީޢަތަށް އޭނާ ޙާޒިރު ކުރާނެކަމަށް މިސްރުގެ އަމްނާބެހޭ ދާއިރާއިން ބުނެފި އެވެ.

ސައިނާ ގެ ދެކުނު ޕްރޮވިންސްގެ އަމްނާބެހޭ ވެރިޔާ މޭޖަރ ޖެނެރަލް މުޙައްމަދު ނަޖީބް ވިދާޅުވީ ޝަރުމުއްޝައިޚުގެ ހޮސްޕިޓަލެއްގައި އެނދުމަތި ކުރެވިފައިވާ މުބާރަކް ޤާހިރާއަށް ގެނެވޭނީ ޕްރައިވެޓް ޖެޓް މަތިންދާ ބޯޓެއްގައި ކަމަށާ ރޭގެ ވަގުތެއްގައި މުބާރަކް ޤާހިރާއަށް ގެނެވޭނެ ކަމުގައެވެ. މުބާރަކަށް ފަރުވާދޭ ޑޮކްޓަރުން ހާމަކުރާ ގޮތުގައި މުބާރަކްގެ ސިއްޙީ ހާލުކޮޅު ވަރަށް ދަށެވެ. އަދި ސިއްޙީ ޙާލުކޮޅު ހުރިގޮތުން މުބާރަކަށް ކޮޅަށް ނުހުންނެވޭނެ ކަމަށާއި ޝަރީޢަތުގެ މަޖިލީހުގައިވެސް އޭނާ ބައިންދަންޖެހޭނީ ފުރޮޅުލީ ގޮނޑިއެއްގައި ކަމުގައެވެ. އަދި ވާހަކަ ދެއްކުމުގައިވެސް މުބާރަކަށް ދުލުގެ އުނދަނގޫ ތަކެއް ހުރިކަން ފާހަގަކުރެވޭކަމަށް ޑޮކްޓަރުން ބުނެ އެވެ.

މުބާރަކްގެ އަމުރަށް މިސްރުގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި އެތަށް ސަތޭކަ ބަޔަކު މަރާލި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައިވާއިރު މިތުހުމަތު ސާބިތުވެއްޖެނަމަ މުބާރަކްގެ މައްޗަށް މަރުގެ ޙުކުމެއް އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ. މުބާރަކާއެކު އޭނާގެ ދެފިރިހެން ދަރިން ކަމަށްވާ ޢަލާއާއި ޖަމާލްގެ މައްޗަށްވެސް ޝަރީޢަތް ހިންގުމަށް ހަނަޖެހިފައިވެ އެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްއާއި އިންސާނީ ޙައްޤުތަކަށް ގޮވާލާ ބައިނަލްއަޤްވާމީ ފަރާތްތަކުންވަނީ އިންސާފުވެރި ޝަރީޢަތެއް މުބާރަކްގެ މައްޗަށް ހިންގުމަށް މިސްރުގެ ޝަރުޢީ ދާއިރާއަށް ގޮވާލާފައެވެ. (ރޮއިޓާސް)