ނޭޕީޑޯ (އޮކްޓޯބަރު 29): މިޔަންމާގެ ގާނޫނު ހަދާ މަޖިލިސް ކައިރިން ޑްރޯނެއް އުދުއްސުމާ ގުޅިގެން އެގައުމުގެ އިމްޕޯޓް ގާނޫނުގެ ދަށުން ސިންގަޕޫރުގެ ނޫސްވެރިޔަކާއި މެލޭޝިއާގެ ނޫސްވެރިޔެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

މިޔަންމާގެ މީޑިއާތަކުން ބުނާ ގޮތުގައި ސިންގަޕޫރުގެ ލައު ހޮން މެންގް އާއި މެލޭޝިއާގެ މޮކް ޗޯއި ލިން ހައްޔަރު ކުރީ ވެރިރަށް ނޭޕީޑޯގައި ހުންނަ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކައިރިން މިދިޔަ ހުކުރު ދުވަހު އެމީހުންގެ ޑްރޯން ފެނުމުންނެވެ. އެ ހާދިސާއާ ގުޅިގެން ބިދޭސީ ދެ ނޫސްވެރިންނާ އެކު މިޔަންމާގެ ނޫސްވެރިއަކާއި އެމީހުންގެ ޑްރައިވަރު ވެސް ހައްޔަރުކޮށްފައިވާ އެގައުމުގެ މީޑިއާތަކުން ބުނެ އެވެ.

މިޔަންމާގެ ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެމީހުން އެޑްރޯން މިޔަންމާއަށް އެތެރެ ކުރީ ގަވާއިދާ ހިލާފަށެވެ. އަދި އެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އެ ދެ މީހުންގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.

އެދެ ނޫސްވެރިންނަކީ ތުރުކީގެ މީޑިއާއެއް ކަމަށްވާ ޓީއާރުޓީގެ ދެ މުވައްޒަފުންނެވެ. އަދި އެމައްސަލައާ ގުޅިގެން މިޔަންމާގެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކަމުންދާ ކަަމަށް ޓީއާރުޓީން ބުންޏެވެ.

އެހާދިސާ ހިނގީ މިޔަންމާގައި ދިރިއުޅޭ ރޮހިންގާ މުސްލިމުންގެ ހާލަތާ ގުޅިގެން އެގައުމާއި ތުރުކީއާ ދެމެދު ދެބަސްވުންތައް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. މިޔަންމާއިން ދަނީ ރޮހިންގާ މުސްލިމުންގެ ނަސްލު ނައްތާލަން މަސައްކަތް ކުރަމުން ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވާ އިރު، މިޔަންމާއިން ބުނާ ގޮތުގައި އެގައުމުން ދަނީ ހަތިޔާރު އަޅައިގެން ތިބި ބަޔަކާ ހަނގުރާމަ ކުރަމުންނެވެ. (ބީބީސީ)