29 Oct 2017, 14:40
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ރެކްރިއޭޝަނަލްގެ ފިރިހެން ޑިވިޝަންގެ ފައިނަލްގެ ޖާގަތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯދައިފި އެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގެ ޖާގަތައް އެމްއޭސީއެލް އާއި އެސްޓީއޯ ހޯދީ ހެންވޭރު ދަނޑުގައި ރޭ ކުޅުނު ސެމީ ފައިނަލްގެ މެޗުތައް ކާމިޔާބު ކޮށްގެންނެވެ.

ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ރެކްރިއޭޝަނަލްގެ ސެމީގައި އެމްއޭސީއެލް އާއި ޕޮލިސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އެމްއޭސީއެލް މޮޅުވީ 3-2 ލަނޑުގެ ނަތީޖާ އަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ސެމީގެ ފުރަތަމަ މެޗުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އެމްއޭސީއެލް ކުރި ހޯދާފައި ވަނީ 3-2 ލަނޑުގެ ނަތީޖާ އަކުންނެވެ. އެ މެޗުގައި އެމްއޭސީއެލް އިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަލީ ޝާފިއު ދެ ލަނޑު ކާމިޔާބު ކޮށްދިން އިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބު ކޮށްދިނީ އަހްމަދު ޒައިދު އެވެ. ޕޮލިހުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އަހްމަދު އާރިޝް އާއި އަލީ މާނިހު އެވެ.
ސެމީގެ ދެ ވަނަ މެޗުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މައްޗަށް އެސްޓީއޯ ކުރި ހޯދާފައި ވަނީ 3-2 ލަނޑުގެ ނަތީޖާ އަކުންނެވެ. އެ މެޗުގައި އެސްޓީއޯ އިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން އަލީ އަރުޝަދު ދެ ލަނޑު ކާމިޔާބު ކޮށްދިން އިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މުހައްމަދު އިމްރާނެވެ. މެޗުގައި ސްޓެލްކޯ އިން ކާމިޔާބުކުރި ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ އަލީ މާއިސް އެވެ.

ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ރެކްރިއޭޝަނަލްގެ ސެމީގައި އެސްޓީއޯ އާއި ސްޓެލްކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އެސްޓީއޯ މޮޅުވީ 3-2 ލަނޑުގެ ނަތީޖާ އަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި އެމްއޭސީއެލް އާއި އެސްޓީއޯ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 9:00 ގައެވެ. އެ މެޗުގެ ކުރިން އަންހެން ޑިވިޝަންގެ ފައިނަލުގައި މިރޭ 9:00ގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބައްދަލުކުރާނެ އެވެ. ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މާފަންނު ޓާފް އެއް ނަންބަރު ދަނޑުގަ އެވެ.