30 Oct 2017, 08:58
"އަޅުގަނޑުގެ ކާމިޔާބީގެ އެއްތަނބު ކަމުގައިވީތީ ބައްޕައަށް އައްސަރިބަހާ ސާބަސް،"ކެނދިކުޅުދޫ ސްކޫލުގެ 2016 ވަނަ އަހަރު ސްކޫލުގެ އެންމެ މޮޅު ދެ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރު ކަމުގައިވާ އެރަށު ނޫރު، އިބްރާހީމް ހަމްދާން އައްބާސް އޭނާގެ ބައްޕަ އައްބާސް އަބްދުﷲއަށް ސާބަސް ރައްދު ކުރި އެވެ.
ސްކޫލުގެ މޮޅު ދަރިވަރުގެ މަގާމު ލިބުމުން ޖަލްސާގެ ބައިވެރިންނާ މުހާތަބުކޮށް ވާހަކަ ދައްކަމުން އޭނާގެ ބައްޕަ އަކީ، އޭނާ ހޯދި ރަންވަނަ ހާސިލް ކުރުމަށް އަޒުމް ކަނޑައެޅި ސަބަބު ކަމުގައި ބުންޏެވެ.
މީގެ 25 އަހަރު ކުރިން 1992 ވަނަ އަހަރު ކެނދިކުޅުދޫ ސްކޫލުގެ ބެސްޓް އޯލް ރައުންޑްގެ މަގާމު ހާސިލްކޮށްފައި ވަނީ ހަމްދާންގެ ބައްޕަ އައްބާސް އެވެެ.
ސްކޫލަށް ހިދުމަތް ކުރުމުގައި އައްބާސް ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާއިރު، އައްބާސަކީ މިހާރު ވެސް އެ ސްކޫލްގައި ދިވެހި މާއްދާ ކިޔަވައިދެމުންދާ ޓީޗަރެކެވެ.
ބައްޕަ ހޯދި ކާމިޔާބީން ހިތްވަރު ލިބިގަނެގެން މިއަދު ކެނދިކުޅުދޫ ސްކޫލުގެ މޮޅު ދަރިވަރުގެ މަގާމު ލިބުނީ ގިނަ ހުރަސްތަކެއް ގިރާކޮށްފައި ކަމުގައި ހަމްދާން ސިފަ ކުރެ އެވެ.

މޮޅު ދަރިވަރަކަށް ހޮވުނު ހަމްދާން --- ސަން ފޮޓޯ/ އިހްތިޝާމް
"އެކަން 'މޮޅު ދަރިވަރުގެ މަގާމު ބައްޕަ ހޯދިކަން' އެނގުމުން، އެ ދުވަހުން ފެށިގެން އަޅުގަނޑުގެ އަޒުމަކަށްވީ، މިއަދު އަޅުގަނޑު މި ހުރި މަގާމު ކާމިޔާބު ކުރުން،" ހަމްދާން ބުންޏެވެ.
ހަމްދާންގެ ބައްޕަ އައްބާސް ވަނީ އޭނާގެ ދަރިފުޅު މޮޅު ކުއްޖަކަށް ހެދުމަށް ކުރި މަސައްކަތް 'ސަން'އާ ހިއްސާކޮށްފައެވެ.
އޭނާ ބުނީ، ކުޑައިރުން ފެށިގެން އަންހެނުން، އައިޝަތު ރިޝްކާއާ ދެމީހުން އެކުގައި ދަރިފުޅަކީ ކިޔެވުމަށް ޝައުގުވެރި ކުއްޖަކަށް ހެދުމަށް މަސައްކަތް ކުރި ކަމަށެވެ. އެކަމުގެ ސަބަބުން ފޮނި ނަތީޖާއެއް ލިބުނު ކަމަށް އައްބާސް ބުންޏެވެ. އެގޮތުުން ގްރޭޑް ހަތަކާ ހިސާބުން ފެށިގެން އެހީތެރިކަމަށް އެދޭ މިންވަރު މަދު ވަމުން ދިޔަ ކަމަށާއި، އަމިއްލައަަށް ކިޔެވުމައިގެން އުޅުނު ކަމަށް އޭނާ ބުންޏެވެ.

ސާނަވީ ބައިން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ހަމްދާން އާ އެވޯޑު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
"އޭނާ ދުވަހަކުވެސް ނުހުންނާނެ ޓިއުޝަނަކަށް ގޮސްގެން ފިލާވަޅެއް ދަސްކޮށްފައެއް. ހަމަ ގޭގަ ހުރިހާ މަސައްކަތެއް ކޮށްގެން ކާމިޔާބު ހޯދީ،" އައްބާސް އޭނާގެ ދަރިފުޅުގެ ކިޔެވުމާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރިއެވެ.
ނަސީބު ގަދަ ކަމުން އައްބާސް އަކީވެސް ސައިންސް ސްޓްރީމްގެ މާއްދާތައް ކިޔެވި މީހަކަށްވުމުން ދަރިފުޅަށް ކަންކަން އޮޅުން ފިލުވައިދޭން ފަސޭހަވެގެން ދިޔަ ކަމަށް އައްބާސް ބުންޏެވެ.
ބައްޕަގެ ކާމިޔާބީން ހޯދި ހިތްވަރުން ނެރުނު ނަތީޖާގެ ހިތްހަމަ ޖެހުމާ އެކު ހަމްދާންގެ ޝުކުރާއި ތައުރީފް އޮއްސާލީ އޭނާގެ މަންމަ އަށެވެ.
" އަޅުގަނޑުގެ މަންމަ އޭރު ދިން ހިތްވަރުން ހިތްވަރު ލިބިގެން ކުރަމުން ދިޔަ މަސައްކަތުގެ ނަތީޖާ ވަރަށް ވެސް ފޮނި،" މަންމަގެ އެހީތެރިކަމަށް ޝުކުރުވެރިވަމުން ހަމްދާން ބުންޏެވެ.
ހަމްދާން ބުނީ، ތައުލީމީ ހަޔާތުގައި ބޮޑެތިި ގޮންޖެހުންތަކާ ޕްރީ ސްކޫލު ދައުރުންވެސް ކުރިމަތި ވަމުން ދިޔަ ކަމަށެވެ.
އޭނާ ސިފަކުރާ ގޮތުގައި ޕްރީ ސްކޫލުގެ ދައުރަކީ އޭގެ ޒާތުގައި މަޑުމައިތިރި ހަމަ ހިމޭން މޫސުމެކެވެ.
"ޕްރީ ސްކޫލުގެ ދައުރަކީ އޭގެ ޒާތުގައި މަޑުމައިތިރި، ހަމަ ހިމޭން މޫސުމެއް. ނަމަވެސް އެ މަރުހަލާވެސް ނިމުމާ ގާތްވީވީހެން ދިޔައީ، މޫސުން ގޯސްވެ ކަނޑުގެ ރާޅު އުފެދެމުން،" ހަމްދާން ކިޔައިދިނެވެ.

ސްކޫލުގެ މޮޅު ދަރިވަރަކަށް ހޮވުނު ހަމްދާން (މ) އޭނާގެ މަންމައާއި ބައްޕައާ އެކު ---
މަންމަގެ އެހީތެރިކަން ފެށުނީއްސުރެ ލިބެމުން އައުންވީ އޭނާއަށް ލިބުނު ނަސީބަކަށެވެ. އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައި ސިފަ ކުރި، ގްރޭޑް ހަތަރެއްގެ އަހަރުގައިވެސް ކާމިޔާބަށް ވާސިލްވީ އެ މަންމަގެ ހިތްވަރުގެ ސަބަބުންނެވެ.
ކޮންމެ ގްރޭޑެއްގައިވެސް ކްލާހުން އެއްވަނަ ހޯދަމުން ދިޔަ ހަމްދާނަކީ، ޖޫނިއާ ގްރޭޑް ތަކުން ފެށިގެން ޕްރިފެކްޓް ކަމުގެ މަގާމުވެސް އަދާކުރި ދަރިވަރެކެވެ.
ވޭތުވެދިޔަ އަހަރުގެ ސްކޫލުގެ ކެޕްޓަންކަންވެސް ކުރި ހަމްދާން އާ ބެހޭ ގޮތުން އެ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ އިކްރާމް ވިދާޅުވީ، ހަމްދާނަކީ، އަހްލާގީ ގޮތުން ވަރަށްވެސް ރަނގަޅު، ކިޔެވުމާއި ސްކޫލުގައި ކުރިއަށް ގެންދާ އިތުރު ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރެއް ކަމުގައެވެ.

ކެނދިކުޅުދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރުންނަށް ހޮވުނު ދެ ދަރިވަރުންނާ އެކު ސިޔާމް --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
ބައްޕަގެ ކާމިޔާބީ އަޒުމަކަށް ބަލައި މަންމަގެ އެހީތެރިކަމާ އެކު ސްކޫލުން ރަންވަނައެއް ހޯދުނު ކަމުގެ ހިތްހަމަ ޖެހުމާ އެކު ހަމްދާންގެ ވާހަކަ ނިންމާލި މައިންބަފައިންގެ ކިބައިން އެދުމެއް އެދިފައެވެ.
"އަޅުގަނޑުގެ އެދުމަކީ ކޮންމެ މަންމަ އަކާއި ބައްޕައެއްވެސް ތައުލީމުގެ މުހިއްމުކަން ދަނެ ދަރިންނަށް ތައުލީމު ހޯދައިދިނުމުގައި އަތުކުރި އޮޅާލައި ބައިވެރިވެ އަމަލީ ގޮތުން ބައިވެރިވުން،"
ކެނދިކުޅުދޫ ސްކޫލުގެ 2016 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ މަގާމުގެ އިތުރުން ހަމްދާން ހޯދި ވަނަތަކުގެ ތެރޭގައި ކްލާސް ޕްރައިޒް އާއި، ސަބްޖެކްޓް ޕްރައިޒް އަދި އެޗީވާސް އެވޯޑުގެ އިތުރުން ޑިސްޓިންކްޝަން އެވޯޑު ހިމެނެ އެވެ.