29 Oct 2017, 15:01
ކާރިސާގެ ކަންތައްތައް ސަމާލުކުރުވައި އެފަދަ ހާދިސާތަކަށް ތައްޔާރުވުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކާރިސާ ކަންތައްތައް ބެލެހެއްޓުމުގެ ގައުމީ މަންސާ މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިސޯޓުގައި ފަށައިފި އެވެ.
މިއަދާއި މާދަމާ ކުރިއަށް ގެންދާ އެ ބައްދަލުވުމުގައި ކާރިސާގެ ކަންތައްތަކުގައި ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައް ދެނެގަނެ މަޝްވަރާކޮށް ރައްޔިތުން ކާރިސާތަކަށް ސަމާލުކުރުވައި ދުރާލައި އިންޒާރާ ލަފާ ދެވެނޭ ސިޔާސަތު ކަނޑައެޅުމަށް މަގުފަހިވެގެން ދާނެ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އިން ބުންޏެވެ.
އެމްޑީއެމްސީއިގެ ޑިރެކްޓާ ޖެނެރަލް ސޮފީނާޒް ހަސަން "ސަން" އަށް ވިދާޅުވީ މިއީ އެފަދަ ބައްދަލުވުމެއް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރު ކަމަށެވެ.
ފަސް ސެޝަނަކަށް ބަހައިލައިގެން ކުރިއަށް ގެންދާ އެ ބައްދަލުވުމުގައި ދެމެހެއްޓެނިވި ތަރައްގީ އާއި ކާރިސާއާ ހުރި ގުޅުމާއި ކާރިސާގެ ކަންކަން ހިންގުމުގައި އަތޮޅު ތެރޭގައި ހުރި ފުރުސަތުތަކުގެ އިތުރުން އަލިފާން ރޯވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ރަށު ފެންވަރުގައި ކުރަން ޖެހޭ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް އެންޑީއެމްސީ އިން ބުންޏެވެ.

ކާރިސާގެ ކަންތައްތައް ސަމާލުކުރުވައި އެފަދަ ހާދިސާތަކަށް ތައްޔާރުވުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިކުރުމުގެ ގޮތުން މިއަދު ހެނދުނު ބަނޑޮހުގައި ފެށި ގައުމީ މަންސާގެ ތެރެއިން--ފޮޓޯ : ޓުވިޓާ
އެންޑީއެމްސީން ބުނީ އެ ބައްދަލުވުމުގައި ރިސްކު ނަގުލުކުރުމަށް ރާއްޖޭގައި ހުރި ފުރުސަތުތައް ހުށަހަޅާ އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރަން ޖެހޭ ކަންތައްތަކުގެ އިތުރުން ކާރިސާ ކަންކަން ހިންގުމަށް ގައުމީ އަދި ރަށު ފެންވަރުގައި ފައިސާ ކަނޑައެޅުމާއި ތަރައްގީގެ މަޝްރޫއުތަކުގައި ކާރިސާގެ ކަންތައްތައް ހިމެނުމަށް ވެސް މަޝްވަރާކުރެވޭނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ހުރިހާ ރަށު ކައުންސިލަރުންނާއި ހަތް ރަށެއްގެ ރަށު ކައުންސިލްގެ އިތުރުން ހުރިހާ މިނިސްޓްރީތަކާއި މޯލްޑިވްސް ޕޮލިހާއި އެމްއެންޑީއެފް، މޯލްޑިވްސް ރެޑް ކްރެސެންޓް، ރާއްޖޭގެ ކުންފުނިތަކާއި އަދި އަމިއްލަ ޖަމިއްޔާތަކުގެ ބޭފުޅުން ބައިވެރިވާ ކަމަށް ސޮފީނާޒް ވިދާޅުވި އެވެ.
ރަށު ކައުންސިލްތަކުން އެ ބައްދަލުވުމުގައި ބައިވެރިކުރި އިރު އިސްކަންދީފައި ވަނީ ކަރިސާގެ ކަންތައްތައް ރާއްޖޭގައި އެންމެ ބޮޑަށް ދިމާވާ ރަށްތަށުގެ ތެރެއިން ރަށުފެންވަރުގައި އަމަލީ ގޮތުން އެންމެ ބޮޑަށް މަސައްކަތްކޮށްފައިވާ ކައުންސިލްތައް ކަމަށް ސޮފީނާޒް ވިދާޅުވި އެވެ.