29 Oct 2017, 15:30
ރާއްޖޭގައި ތަރައްގީގެ ބޮޑު މަޝްރޫއުތައް ހިންގާ އިރު ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ކާރިސާއަކުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އިސްކަންދޭން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ކާރިސާގެ ކަންތައްތައް ސަމާލުކުރުވައި އެފަދަ ހާދިސާތަކަށް ތައްޔާރުވުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިކުރުމުގެ ގޮތުން މިއަދު ހެނދުނު ބަނޑޮހުގައި ފެށި ބައްދަލުވުން ޝަރަފުވެރިކޮށް ދެއްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިހާރު ތަރައްގީގެ ބޮޑު މަޝްރޫއުތަކެއް ކުރިއަށް ދާ ކަމަށެވެ. ހަމައެއާ އެކު ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ކާރިސާތަކުން ލިބިދާނެ ގެއްލުންތަކާ މެދު ދުރާލައި ވިސްނައި އެފަދަ ގެއްލުންތައް ވީހާ ވެސް ކުޑަކުރުމަކީ ކޮންމެ މުވައްސަސާއަކުން ވެސް ވަރަށް ބޮޑަށް އިސްކަންދޭން ޖެހޭ ކަމެއް ކަމަށެވެ.
"މިއަދުގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދަވާ. ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ރާއްޖޭގެ ނާޒުކު ތިމާވެއްޓާ އަދި ހަމަ އެއާ އެކު ކާރިސާގެ ކޮންމެ ކަމަކުން ގެއްލުންތަކުން ދުރާލާ ވިސްނައި ގެއްލުން ކުޑަކުރެވޭނެ ގޮތަކަށް މަސައްކަތް ރާވައި ހިންގުމަކީ އަޅުގަނޑުމެން ކޮންމެ މުވައްސަސާއަކުން ވެސް ވަރަށް ބޮޑަށް އިސްކަންދީ އެކަންކަން ރާވާ އިންތިޒާމުކުރުމުގާ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތައް ރާއްޖެއިން ވެސް ދަނީ ތަޖުރިބާ ކުރަމުން ކަމަށާއި އެގޮތުން 2015 ވަނަ އަހަރު ނޮވެމްބަރު މަހު އައްޑޫ ސިޓީގައި ފެންބޮޑުވި ކަމަށެވެ. އަދި އެ ހާދިސާ ހިނގުމުގެ ކުރިން އެކަން ދެނެގަނެވޭނެ ވަސީލަތްތައް ވެސް އޭރުނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް އެފަދަ ކާރިސާތައް ރާއްޖެއަށް ދިވާމުގެ ފުރުސަތު މިހާރު ބޮޑުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.