ރާއްޖޭގައި ބާއްވަމުން އަންނަ ފްރެންޗައިޒް ޝޯ، މޯލްޑިވިއަން އައިޑަލްގެ ސީޒަން ތިނެއްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވަލައިފި އެވެ.

މޯލްޑިވިއަން އައިޑަލްގެ ސޯޝަލް މިޑިއާ ޕޭޖުތަކުގައިވާ ގޮތުން އޮޑިޝަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އެސްއެމްއެސް ކުރަން ޖެހޭނެ ގޮތަކީ MI (Name, Age, Current Address) Send to 300

މޯލްޑިވިއަން އައިޑަލްގެ ތިން ވަނަ ސީޒަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލޯންޗުކޮށްފައިވާ އިރު މިފަހަރުގެ ސީޒަންގައި ހަތަރު ފަނޑިޔާރުން ފެނިގެންދާނެ އެވެ. ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ ސީޒަން އެކެއް އަދި ދޭއްގައި ވެސް ފަނޑިޔާރުކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ) އާއި ސީޒަން އެކެއްގެ ޖަޖު އަހުމަދު އިބްރާހިމް (އައްމަޑޭ) އާއި ސީޒަން ދޭކުން ބެލުންތެރިންގެ ލޯބި ހޯދި އިސްމާއިލް އައްފާން އަދި މުޅިން އަލަށް މި ޕެނަލް އާ ގުޅުނު ޒާރާ މުޖުތަބާ އެވެ.

މި ފަހަރުގެ ސީޒަންގައި ހޯސްޓުންގެ ގޮތުގައި ފެނިގެންދާ މޫނުތަކަށް ބަލާއިރު ފިރިހެން ހޯސްޓަކީ މިފަހަރު ވެސް މޫސާ ވަސީމެވެ. މި ސީޒަންގައި ވެސް އަންހެން ހޯސްޓަކީ އާ މޫނެކެވެ. އަންހެން ހޮސްޓެއްގެ ގޮތުގައި ފެނިގެންދާނީ ރާއްޖެ އެފްއެމްގެ އާރްޖޭ ޝައިނާ ޝަރީފެވެ.

މޯލްޑިވިއަން އައިޑަލްގެ ޕްލެޓްފޯމުން ފެންނަ ފަންނާނުން ތަމްރީނުކުރުމުގެ ކަންތަކާ މިފަހަރު ހަވާލުވީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އެވެ. ތޭރަވާ ވަނީ އައިޑަލްގެ ސީޒަން އެކެއްގައި ވެސް ކޯޗެއްގެ ރޯލު އަދާކޮށްފަ އެވެ.

މޯލްޑިވިއަން އައިޑަލްގެ ތިން ވަނަ ސީޒަންގެ އޮޑިޝަންތައް ބާޢްވާނެ ރަށްތައް އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.

މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ޓައިޓްލް ވިނާއަކީ ލައިޝާ ޖުނައިދެވެ. ދެވަނަ ސީޒަންގައި އައިޑަލްގެ ޓައިޓްލް ގެންދިޔައީ މުހައްމަދު ތަސްނީމް (ބޮބް) އެވެ. މިރޭ ވަނީ ބޮބްގެ އާ ތިން ލަވައެއް ލޯންޗްކޮށްފަ އެވެ. ލަވަތައް ލޯންކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޚަލީލެވެ.

މޯލްޑިވިއަން އައިޑަލްގެ މިފަހަރުގެ ޓައިޓަލް ސްޕޮންސާ އަކީވެސް ކުރީ ދެ ސީޒަނެކޭ އެއްގޮތަށް ދިރާގެވެ.