03 Aug 2011, 09:35
ވޮޝިންގޓަން (އޮގަސްޓް 3) : އެމެރިކާގެ ދައުލަތުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމާއި ދަރަނީގެ ސީލިން އިތުރުކުރުމާއި ދަރަނި އަދާކުރުން ލަސް ނުކުރުމާ ބެހޭ ޤާނޫނެއް ރައީސް ބަރަކް އޮބާމާ ތަސްދީޤް ކުރައްވައިފި އެވެ.
ކޮންގްސްގެ ދެގެ ކަމަށްވާ ސެނެޓާއި ހައުސްއޮފް ރެޕްރެޒެންޓެޓިވް އިންވެސް ފާސްކޮށްފައިވާ މި ޤާނޫނުގައި އެމެރިކާގެ ދައުލަތުގެ ދަރަނި 2.4 ޓްރިލިޔަން ޑޮލަރަށް މަތިކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ދައުލަތުގެ ޚަރަދުތައް ދެ ޓްރިލިޔަން ޑޮަލަރަށް ކުޑަކުރަން ޖެހޭނެ ކަމަށް ނުވަތަ ދެ ޓްރިލިޔަން ޑޮަލަރަށް ވުރެ މައްޗަށް ދައުލަތުގެ އަހަރީ ޚަރަދުތައް ގެންގޮސްގެން ނުވާނެކަމަށް ބުނެފައިވެ އެވެ.
ކޮންގްރެސްއިން މިޤާނޫނު ފާސްކޮށްފައި ވަނީ އެމެރިކާގެ ޕަބްލިކް ދަރަނީގެ މައްސަލަ ހައްލުކުރުމާ ބެހޭ ގޮތުން ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީ އާއި އިދިކޮޅު ޖުމްހޫރީ ޕާޓީ އަށް އެއްގަލަކަށް ނޭރުމުގެ ސަބަބުން އެމެރިކާގެ މާލީ ނިޒާމް ހަލަބޮލިވެ އިޤްތިސާދުގެ އިތުބާރު ގެއްލޭހިސާބަށް ކަންތައްތައް ގޮސްފައި ވަނިކޮށެވެ.
ދަރަނީގެ މައްސަލަ ހައްލުކުރުމާ ބެހޭ ޤާނޫނެއް ފާސްކުރަން ކޮންމެ ޕާޓީއަކުން ވެސް ކުރިން މަސައްކަތްކުރީ އެ ޕާޓީއެއްގެ ވިސްނުމާ އެއްގޮތަށެވެ. ނަމަވެސް މިކަން މިގޮތަށް ނުވުމުން ކޮންމެ ޕާޓީއަކުން ވެސް ވަނީ ގޮތްދޫކޮށް މެދުމިނުގެ ޙައްލަކަށް ފަހުން އެއްބަސްވެފަ އެވެ.
މިޤާނޫނޫ ތަސްދީޤު ކުރައްވުމަށް ފަހު އޮބާމާވަނީ މިއީ އެމެރިކާގެ ޢާންމު ދަރަންޏާއި މާލީ މައްސަލަތައް ޙައްލު ކުރުމުގެ ހަމައެކަނި ފުރަތަމަ މަރްހަލާ ކަމަށް ސިފަކުރައްވައިފަ އެވެ. (ރޮއިޓާސް)