އާރް ބަލްކީ ޑައިރެކްޓްކޮށް އޭނާގެ އަންހެނުން ގޯރީ ޝިންދޭ ޕްރޮޑިއުސް ކުރާ ފިިލްމް "ޕެޑްމޭން" އަންނަ އަހަރު ޖަނަވަރީގެ 26 ގައި ރިލީޒް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކުރިން އެ ފިލްމު އަންނަ އޭޕްރިލް މަހު ރިލީޒްކުރާ ގޮތަށް ހަމަޖެހުނު ނަމަވެސް މިހާރު އެ ފިލްމު ރިލީޒްވާނީ އިންޑިއާގެ ރިޕަބްލިކް ދުވަހުގަ އެވެ. އެއީ އަންނަ ޖަނަވަރީ މަހެވެ.

'ރިއަލް ސުޕާ ހީރޯ' އަކީ ކޮބައިކަން އެ ފިލްމުން ދައްކުވައިދޭ އިރު ފިލްމުގައި ހަރަކާތްތެރިވާނެ ލީޑު ތަރިންނަކީ އަކްޝޭ ކުމާރު، ސޯނަމް ކަޕޫރު އަދި ރަދިކާ އަޕްޓޭ އެވެ.

އަކްޝޭގެ އެންމެ ފަހުގެ ފިލްމް "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" އަކީ އޭނާގެ މުޅި ކެރިއަރުގައި ވެސް އޭނާގެ އެންމެ ކާމިޔާބު ފިލްމެވެ. 'ޓޮއިލެޓް' އަކީ އިންޑިއާގެ ފަގީރު ހިސާބުތަކުގައި ފާޚާނާތައް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައި އުފައްދާފައިވާ ފިލްމެކެވެ. 'ޓޮއިލެޓް' އިން ފުރަތަމަ ދުވަހު އެކަނި ވެސް 13 ކުރޯޑު ހޯދި އިރު އެ ފިލްމު އުފައްދާފައި ވަނީ 18 ކުރޯޑުގެ ބަޖެޓަކުންނެވެ.