29 Oct 2017, 13:09
ރާއްޖޭގެ ސިޔާސީ ހާލަތު ބެލުމަށް ޓަކައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފުދެއް މާދަމާ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
އީޔޫ އިން ބުނީ ދެ ދުވަހުގެ މުއްދަތަކަށް އީޔޫގެ ވަފްދުން، އީޔޫގެ ޕާލިމެންޓްގެ ހަތަރު މެމްބަރަކު ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ހަތަރު މެމްބަރުން ރާއްޖެ އައިސް ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށް، މިހާރު ސިޔާސީ މަސްރަހްގައި ހިނގަމުންދާ ކަންތައްތަކުގެ އިތުރުން އަންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރައްވާނެ ކަމަށް ވެސް އީޔޫ އިން ބުންޏެވެ.
ފްރާންސްގެ ސްޓްރަސްބާގްގައި މި މަހު ފަސް ވަނަ ދުވަހު ބޭއްވި އީޔޫގެ ޕާލިމެންޓްގައި ވަނީ ރާއްޖެ އަށް ފިޔަވަޅު އެޅުމަށް ގަރާރެއް ވެސް ފާސްކޮށްފަ އެވެ. ޕާލަމެންޓުގެ ބޮޑު އަޣުލަބިއްޔަތަކުން އެ ގަރާރު ފާސްކުރި ނަމަވެސް ދިވެހި ސަރުކާރުން ބުނެފައި ވަނީ ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެ ގަރާރަށް އިންކާރު ކުރަމުން ފޮރިން މިނިސްޓްރީ އިން ބުނީ ގަރާރެއް ފާސްކުރުމަކީ ރާއްޖެ އަމަލު ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
އެކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ފޮރިން މިނިސްޓްރީ އަށް ގުޅުމުން ވަނީ ޖަވާބު ލިބޭނެ ގޮތެއް ނުވެފަ އެވެ.