މަގާމުގެ ގޮތުން އެމަނިކުފާނަށް ގިނަ ރައްޔިތުންގެ މެސެޖުތަކެއް ލިބިވަޑައިގަންނަވާ ކަމަށާއި އެ މެސެޖުތައް ވީހާ ވެސް ކުރުކޮށް އަދި ސާދާކޮށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެދިވަޑައިގެންފި އެވެ.

ރައީސް އެހެން އެދިވަޑައިގަތީ ރޭ އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އިސްނަންގަވައިގެން ބޭއްވި "ކަނބަލުންގެ މަހާސިންތާ" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ކޮންމެ ދުވަހަކު ވެސް އެތައް ރައްޔިތުންނެއް ތަފާތު އެކި މުއާސަލާތީ އެޕްލިކޭޝަން މެދުވެރިކޮށް މެސެޖު ފޮނުއްވަމުން ގެންދާވާ ކަމަށާއި އަދި އޭގެ ތެރެއިން ގިނަ މެސެޖުތަކަށް ރިޕްލައިކޮށް ވެސް ހަދަމުންދާ ކަމަށެވެ. ނަމަވެސް އެހާ ގިނަ މެސެޖުތައް ލިބޭ އިރު ކުރުކޮށް ބުނަން ބޭނުންވާ މެސެޖެއް ފޮނުވާ ނަމަ އެމަނިކުފާނަށް ޖަވާބު ދެއްވަން ފަސޭހަފުޅު ވާނެ ކަމަށެވެ.

"އަޅުގަނޑު އެ މެސެޖެއް ކިޔާފައި ޖަވާބެއް ތިޔަ ބޭފުޅުން ބޭނުންފުޅުވާ ނަމަ މެސެޖް ބޭނުންކުރައްވާ އެސްއެމްއެސްއެއްގެ ގޮތަށް އެ ސޯޓް މެސެޖެއް ފޮނުއްވާ. އަޅުގަނޑަކަށް ފޯނުގެ ދެ ސުކްރީން ފުރޭ ވަރަށް އެއްޗިހި ލިޔުއްވީމާ ނުވެސް ކިޔޭނެ އެއެއް. އެއީ އަޅުގަނޑަށް އަންނަ މެސެޖުތައް ގިނަ ވީމާ. އެހެންވީމާ އެއްކަމަކީ އިފެކްޓިވްނަސް. އެ ފޮނުވާ މެސެޖެއް އިފެކްޓިވް ވާނަ ޖެހޭނެ. ކުރުކޮށް އަނެއްމީހާ އަށް ވިސްނޭ ވަރަށް އިމްޕެކްޓެއް ކްރިއޭޓިވް ކުރާ ވަރަށް އެ މެސެޖެއް ދޭން އެގެން ވާނެ،" ރައީސް ވިދާޅުވި އެވެ.

ދައުލަތުގެ ވުޒާރާތަކުން އެމަނިކުފާނުގެ ރައުޔެއް ނުވަތަ ކަމެއް ނިންމުމަށް ފޮނުވާ ލިޔުންތައް ވެސް ވީހާ ވެސް ކުރުކުށް ފޮނުއްވުމަށް ރައީސް ވަނީ އެދިވަޑައިގަނެފަ އެވެ. ރައީސް ވިދާޅުވީ ރޭ ނިމިގެން ދިޔަ މަހާސިންތާގެ ބައިވެރިންނަށް އެފެކްޓިވް މެސެޖިން ނުވަތަ ކުރުކޮށް ބުނަން ބޭނުންވާ އެއްޗެއް ބުނަން ދަސްވެގެން ދިޔަ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑަށް އަންނާނެ ބައެއް މައްސަލަތަކުގައި ވަރަށް ބޮޑެތި ފޮތް ފޮތް. އަޅުގަނޑު ހަމަ ބައެއް ބޭފުޅުންނަށް ދަންނަވާލަން އަޅުގަނޑަކީ މިހާރު ޔުނިވަސިޓީ ކުއްޖެއް ނޫނޭ ފޮތް ކިޔާ ހިތެއް ނުވެއޭ. އަޅުގަނޑަށް ބޭނޫން ވަނީ ވަރަށް ކުރުކޮށް ސަމަރައިޒްކޮށްފަ އަޅުގަނޑުގެ ޝައުގުވެރިކަން ނޫނީ އަޅުގަނޑު ކަމެއް ނިންމައިދިނުމަށް ޓަކައި ބޭނުންވާ އޮޕްޝަންތަކަކާއި އެކީ އެ މައްސަލައެއް އަންނަން،" ރައީސް ވިދާޅުވި އެވެ.