ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއަށް ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ދާދި ފަހުން ރައީސް އަބްދުﷲ ޔާމީން ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ސަރުކާރާ އެކު ސޮއިކުރި އެއްބަސްވުމަކީ އެއާޕޯޓް ތަރައްގީއަށް ބޭނުންވާ ފައިސާގެ އެންމެ ފަހު އެއްބަސްވުން ކަމަށެވެ. އެއާޕޯޓް ތަރައްގީއަށް އަބޫދާބީ ފަންޑުން ލޯނު ނެގުމަށް އެ ދަތުރުފުޅުުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު އެ ލޯނާގުޅޭ އިތުރު ތަފްސީލް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ ފައިސާ ބޭނުންކުރާނީ އެއާޕޯޓްގެ ޓާމިނަލް ތަރައްގީ ކުރުމަށް ކަމަށް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޔޫއޭއީގެ ގިނަ ވިޔަފާރިތަކެއް ދިވެހިރާއްޖެއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ޔޫއޭއީގެ އިންވެސްޓަރުންގެ ދައުރު ރާއްޖޭގައި ފުޅާވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެއާޕޯޓުގެ ތަރައްގީއަށް އަބޫދާބީ ފަންޑުން ލޯނު ނަގާފައިވާއިރު އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް)އިން ވަނީ 50 މިލިޔަން ޑޮލަރުގެ ލޯނެއް ދީފަ އެވެ. އަދި ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓާ ކުވެއިތު ފަންޑް އަދި ޗައިނާގެ އެގްޒިމް ބޭންކުން ވެސް ވަނީ އެއާޕޯޓު ތަރައްގީއަށް ލޯނު ދީފަ އެވެ. އެއާޕޯޓު ހިންގާ އެމްއޭސީއެލް އިންވެސް ވަނީ އެއާޕޯޓު ތަރައްގީ އަށް 50 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ޓާމިނަލް އަކާ އާ ރަންވޭއެއް ތަރައްގީ ކުރާއިރު ޓާމިނަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސައުދީގެ ބިންލާދިން ގްރޫޕާ އެވެ. ރަންވޭ އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެންނެވެ.

ވީއައިއޭގެ ތަރައްގީއަށް 800 މިލިއަން ޑޮލަރު ހަރަދުކުރާއިރު އާ ޓާމިނަލް އަޅަނީ އަހަރުގެ ތެރޭގައި އަހަރު ދުވަހުގެ ތެރޭގައި 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ވަރަށެވެ. އާ ޓާމިނަލް އެއްފަހަރާ 3000 މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. އާ ޓާމިނަލްގައި 40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު ހުންނާނެ އެވެ. އަދި ޒަމާނީ ފެންވަރަށް ހަދައި ހިޔާ ކޮށްފައިވާ 12 ޖެޓީއާއި ހަ އެއިރޯ ބްރިޖްގެ އިތުރުން ފިއުލް ހައިޑްޓްރެންޓް ސިސްޓަމަކާއި ހައި އެކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމެއް ގާއިމް ކުރާނެ އެވެ. މީގެ އިތުރުން އާ ރަންވޭއާ އެކު ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި އެއާކްރާފްޓްތައް ކަމަށްވާ އޭ380ގެ ބޯޓްތަކަށް ޖެއްސޭނެ އެވެ.