29 Oct 2017, 10:19
މާގިނައިން ކުޑަކަމު ދެވުމަކީ އޮވޭރިއަން ކެންސަރުގެ އަލަމާތެއްކަން އެނގެނީ އަންހެނުންގެ ތެރެއިން އެންމެ ޕަސެންޓެއްގެ މީހުންނަށް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ޓާގެޓް އޮވޭރިއަން ކެންސާ އިން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ބުނެފައި ވަނީ އުނަގަނޑުގައި ރިއްސުމާއި ދަށްބަނޑުގައި ރިއްސުން، އަބަދު ބަނޑު ފުރިފައި ހުރުން ފަދަ ކަންތަކަކީ ކެންސަރުގެ އަލާމާތްތައް ކަމަށާއި ނަމަވެސް އެކަންތައް އެނގެނީ އަންހެނުންގެ ތެރެއިން މަދު ބަޔަކަށް ކަމަށެވެ.
އިނގިރޭސި ވިލާތުގައި ކުރިއަށް ގެންދިޔަ މި ދިރާސާގައި 1000 އަންހެނުން ބައިވެރިވި އިރު ކެންސަރުގެ އަލާމާތްތައްކަން ދެނެގަންނަން އެނގުނީ އެމީހުންގެ ތެރެއިން ފަސްބައިކުޅަ އެއްބައި މީހުންނަށެވެ.
ދަށް ބަނޑުގައި ރިއްސުމާއި އަވަސް އަވަހަށް ކުޑަކަމު ދިއުން އަދި އަބަދު ބަނޑު ފުރިފައި ހުރުން ފަދަ ކަންތައް މަހެއްގެ މައްޗަށް 12 ވަރަކަށް ފަހަރު އިހްސާސްވާ ނަމަ އަވަހަށް ޑޮކްޓަރެއްގެ އިރުޝާދު ހޯދަންވާނެ އެވެ. އޮވޭރިއަން ކެންސަރަކީ އަންހެނުންނަށް ޖެހޭ އާންމު ކެންސަރަކަށްވާ އިރު ކެންސަރުގެ ކުރީކޮޅު ފަރުވާ ނުކުރެވިއްޖެ ނަމަ އޮވޭރިއަން ކެންސަރުން ފަސޭހަވުމަކީ އުނދަގޫ ކަމެކެވެ.
އޮވެރީ ކެންސަރުގެ ސަބަބުންއަވަސްއަވަހަށް ކުޑަކަމުދާން ޖެހެނީ ބަނޑުގައި ހަރުއެއްޗެއް އުފެދި ވަށައިގެން ހުންނަ ގުނަވަންތައް ފިތޭތީ އެވެ. އޭގެ ތެރޭ ބްލެޑާ ވެސް ހިމެނެ އެވެ.
މާގިނައިން ކުޑަކަމު ދިޔުމަކީ ހަކުރު ބަލި ފަދަ ބައްޔެއްގެ އަލާމާތަކަށް ވެސް ވެދާނެ އެވެ. ނަމަވެސް މި އަލާމާތްތައް ފެންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދައި ކެންސަރަށް ސްކްރީން ކުރުން ބުއްދިވެރި އެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.
މަސްދަރު: އިންޑިޕެންޑެންޓް