31 Oct 2017, 11:24
މީގެ 17 އަހަރު ކުރީން، 2000 ވަނަ އަހަރު ތެރޭގައި ބެލުންތެރިންގެ ހިތްތަކާ ކުޅެލި ފިލްމް "މޮހައްބަތެއިން" އަކީ ހަނދާނުން ފޮހެލަން ދަތި ފިލްމެއްކަމަށް އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔަ ތަރި ޖިމީ ޝެއިގިލް ބުނެފިއެވެ.
ޖިމީ ބުނީ އެ ފިލްމަކީ އަދިވެސް އޭނާގެ ފޭވަރިޓް ފިލްމެއް ކަމަށާ އެ ފިލްމް ކިތަންމެ ފަހަރަކު ބެލިއަސް ފޫހިނުވާ ކަމަށެވެ.
"2000 ވަނަ އަހަރު ތަކުގެ ތެރޭ ނުކުތް އެންމެ ހިޓް ފިލްމަކީ މިއީ. ފިލްމަކީ ހަޔާތުން ވެސް ހަނދާން ނައްތާލަން އުނދަގޫ ފިލްމެއް. ޝޫޓް ކުރާ ކޮންމެ ދުވަހެއް ވަކި ވަކިން ހަމަ އަދިވެސް ހަނދާން ހުރޭ. ޝޫޓް ކުރި ދުވަސްކޮޅު ވަރަށް މަޖާ. ވަރަށް ގިނަ ކަންތައްތަކެއް ދަސްވެސް ވި. އަސްލު ލޯތްބަކީ ކޯއްޗެއްކަން މި ފިލްމުން އެނގިގެން ދިޔަ. ލޯތްބަކީ ތިމާއަށް ކިހާ މުހިއްމު އެއްޗެއްކަން އެނގުނު. ލޯތްބާ ބެހޭ ހުރިހާ ކަމެއް ފިލްމުން އެނގުނު. އަދިވެސް އެ ފިލްމް ބަލާ ފޫހި ނުވޭ. ދުވާލަކު ތިން ފަހަރު ބެލިއަސް ފޫހިނުވާނެ،" އޭނާ ބުންޏެވެ.
އޭނާ ބުނީ ފިލްމް ޝޫޓް ކުރި ދުވަސްކޮޅަކީ ވަރަށް މަޖާ ދުވަސްކޮޅެއް ކަމަށާއި އެ ހަނދާންތައް އިއްޔެ ވީކަމެއް ހެން އަދިވެސް ހަނދާން ހުންނަ ކަމަށެވެ. ފިލްމެކޭ އެއް ފަދައިން އެ ފިލްމްގެ ލަވަ ތަކަކީ ވެސް މިއަދު ވެސް ވަރަށް މަގްބޫލު ލަވަތަކެކެވެ.
ފިލްމް ކުޅުނު ތަރިންގެ ހިތުން ފިލްމް ހަނދާން ނައްތާލަން އުނދަގޫ ފިލްމަކަށް އެ ފިލްމް ވެގެން ދިޔަ އިރު ބެލުންތެރިންގެ ހިތުންވެސް އެ ފިލްމަކީ ހަނދާން ނައްތާލަން އުނދަގޫ ފިލްމެކެވެ. ލޯބީގެ ހުރިހާ ރަހަ ތަކެއް އެކުލެވޭ އެ ފިލްމަކީ މިއަދުވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް ވަރަށް މަގްބޫލް ފިލްމެކެެވެ.