29 Oct 2017, 10:29
އަންހެން ކުއްޖާގެ ބައްޕަގެ ނުފޫޒުގެ ސަބަބުން ވަކިވާންޖެހުނު ދެ ލޯބިވެރިން 40 އަހަރަށް ފަހު ކައިވެނިކޮށްފި އެވެ.
ބިލް ބްރޫކްމަން އާއި މެޑެލިން ކޯބާން އެންމެ ފުރަތަމަ ރައްޓެހިވީ 1978 ވަނަ އަހަރު އެވެ. އޭރު ބިލްގެ އުމުރުން 23 އަހަރެވެ. މެޑެލިން އަށް 16 އަހަރެވެ. ބިލް އަކީ ވަރަށް އާޓިސްޓިކް މީހެކެވެ. މިއީ މެޑެލިންގެ ބައްޕައެހާ ހިތްހަމަ ޖެހޭ ކަމަކަށް ނުވާތީ ބައްޕަގެ މަޖުބޫރު ކުރުންތަކާ އެކު މެޑެލިން އޭނާގެ ލޯބިވެރިޔާއާ ވަކިވީ އެވެ.
އޭގެ އެތައް އަހަރެއްފަހުން ބިލް އާއި މެޑެލިން އަނެއްކާ ވެސް ދިމާވީ 2008 ވަނަ އަހަރު އެވެ. ޒުވާން އުމުރުގައި ނުލިބުނު ލޯބި އަލުން ލިބުމުން އެދެމީހުން އަނެއްކާ ވެސް ރައްޓެހިވީ އެވެ. ދެމީހުން ކައިވެންޏަށް ތައްޔާރުވި އިރު ބިލް، މެޑެލިން އަށް ޕްރޮޕޯޒްކުރީ ބީބީސީ ރޭޑިއޯ4 މެދުވެރިކޮށް ލައިވްކޮށެވެ.
"ތަގުދީރުގެ ރޭވުން ވަރަށް ވެސް ފުރިހަމަ. ސާޅީސް އަހަރުވަންދެން އިންތިޒާރުކުރުމަކީ އެއްވެސް މައްސަލައެއް ނޫން،" ބިލް ބުންޏެވެ.
ބިލް އާއި މެޑެލިމް އެންމެ ފުރަތަމަ ދިމާވީ ސްކޫލުންނެވެ. ބިލް އެންމެ ފުރަތަމަ މެޑެލިން ކައިރީ ރައްޓެހިވަން އެހީ ޕާޓީއެއްގެ ތެރެއިންނެވެ. ދެމީހުން ވަކިވުމަށް ފަހު އަލުން ދިމާވުމަށް ބިލް ނިންމީ އަނެއްކާ ވެސް މެޑެލިން އާ ގުޅުމަށެވެ. ދެހާސް ބާރަ ވަނަ އަހަރު ބިލް އަނެއްކާ ވެސް މެޑެލިން ކައިރީ ރައްޓެހިވަން އެހީ އެދެމީހުން ފުރަތަމަ ރައްޓެހިވި ތަނަށް މެޑެލިން ގެންދިއުމަށްފަހު އެވެ.
ޒުވާން ދައުރުގެ ލޯބި އޭރު ނުލިބުނު ނަމަވެސް ތަގުދީރުގެ ނިޔާއަކީ އެތައް އަހަރެއް ފަހުން ދެމީހުން ދިމާވެ ލޯބިން ގުޅުން ކަމަށާއި ދެވަނަ ފަހަރަށް ދެމީހުން ދިމާވެ ކައިވެނި ކުރެވުމަކީ އެ ދެމީހުންގެ ނަސީބު ރަނގަޅުކަން ކަމަށް މެޑެލިން ބުނެ އެވެ. މެޑެލިން އާއި ބިލް ކައިވެނިކުރީ މިއަހަރުގެ އޮގަސްޓްގަ އެވެ.
މައުލޫމާތު: ދި އިންޑިޕެންޑެންޓް