މުގައްދިޝޫ (އޮކްޓޯބަރު 29): ސޯމާލިއާގެ ވެރިރަށް މުގައްދިޝޫގައި ޓްރަކެއް ގޮއްވާލައިގެން 350 މީހަކު މަރާލިތާ ދެ ހަފްތާ ފަހުން އެގައުމުގައި އަނެއްކާ ވެސް ދެ ހަމަލާއެއްދީ، 14 މީހަކު މަރާލައިފި އެވެ.

ސޯމާލިއާގެ އޮފިޝަލުން ބުނި ގޮތުގައި ފުރަތަމަ ހަމަލާ ދިނީ ބޮން ހަރުކޮށްފައިވާ ކާރެއް މުގައްދިޝޫގެ ހޮޓަލެއް ތެރެއަށް ވެއްދުމަށް ފަހު އެކާރު ގޮއްވާލައިގެންނެވެ. އަދި ދެވަނަ ހަމަލާ ދީފައި ވަނީ ބޮން ހަރުކޮށްފައިވާ ބަހެއް އެގައުމުގެ ކުރީގެ ގާނޫނު ހަދާ މަޖިލިސް ކައިރީގައި ގޮއްވާލައިގެންނެވެ.

އެދެ ހަމަލާގައި އަނިޔާވި މީހުންގެ އަދަދު 15 އަށް އަރާ ކަމަށް ބެލެވޭ އިރު، ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަލް ޝަބާބްއިން ވަނީ އެހަމަލާތަކުގެ ޒިންމާ ނަގައިފަ އެވެ. އަދި އެދެ ހަމަލާ ދިނީ ސިޔާސީ ފަރާތްތަކާއި ފުލުހުން އެއްވެ އުޅޭ ސަރަހައްދުތަކަށް ބެލުމަށް ފަހުގައި ކަމަށް ބުނެފަ އެވެ.

އެގޮތުން އެހަމަލާތައް ދީފައި ވަނީ އަލް ޝަބާބްއާ ދެކޮޅަށް އަމަލު ކުރާނެ ގޮތުގެ ސްޓްރެޓެޖީއެއް އެކުލަވާލުމަށް ސޯމާލިއާގެ އެކި ޕްރޮވިންސްތަކުގެ ލީޑަރުން މުގައްދިޝޫއަށް އެއްވަމުންދާ ދަނޑިވަޅެއްގަ އެވެ.

މިމަހުގެ 14 ވަނަ ދުވަހު މުގައްދިޝޫގައި ދިން ހަމަލާއަކީ ވެސް އަލް ޝަބާބްއިން ދިން ހަމަލާއެއް ކަމަށް އޮފިޝަލުން ތުހުމަތު ކުރި ނަމަވެސް އެޖަމާއަތުން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. (ބީބީސީ)