29 Oct 2017, 10:52
ކަނޑުމަތީގައި ބެހި ގެއްލިފައިވާތާ ފަސް މަސް ފަހުން އެމެރިކާގެ ދެ އަންހެނުން ދިރިތިއްބައި ފެނިއްޖެ އެވެ. ޔޮޓެއްގައި ތިބި އެދެ އަންހެނުން ސަލާމަތް ކުރީ އެމެރިކާގެ ކަނޑުގެ ސިފައިންގެ އުޅަނދަކުންނެވެ.
ޖެނިފާ އެޕަލް އާއި ވޮޓާޗާ ފޮޔާބާ ކިޔާ މިދެ އަންހެނުން ކަނޑަށް ބެހި ގެއްލުނީ މިދިޔަ ޖޫން މަހުގެ ފަހުކޮޅު އެމެރިކާގެ ހަވާއި އިން ކެރީބިޔަންގެ ގައުމެއް ކަމަށްވާ ހެއިޓީ އަށް ޔޮޓެއްގައި ދަތުރު ކުރަމުން ދަނިކޮށެވެ. އެ ޔޮޓަށް ކުރިމަތިވި މައްސަލައަކީ އޭގެ އިންޖީނު ހުއްޓުމެވެ. އެއަށް ފަހު މުވާސަލާތީ ގުޅުންތައް ކެނޑުމެވެ. އިންޖީނު ހުއްޓުމުން ޖެނިފާ އެޕަލް އާއި ވޮޓާޗާ ފޮޔާބާ މަސައްކަތްކުރީ އެންމެ ކައިރީގައި އޮތް ގައުމަކަށް ރިޔަލުގައި ދިޔުމަށެވެ. ނަމަވެސް މަގުއޮޅިގެން ރިޔަލުގައި ދަތުރުކުރެވުނީ ހިކިފަސް ތަންތަނާ ދުރަށެވެ.
މިގޮތުން ފާއިތުވި ފަސް މަސް ތެރޭގައި އެއްވެސް ބައްރެއް އަދި ޖަޒީރާ އެއްވެސް ފެނިފައިނުވާ ކަމަށް އެދެ މީހުން ބުނެ އެވެ. ޖެނިފާ އެޕަލް އާއި ވޮޓާޗާ ފޮޔާބާގެ ޔޮޓް ފެނުނީ ޖަޕާނުގެ އައްސޭރި ފަށާ 1500 ކިލޯ މީޓަރު ބޭރުން ޕެސިފިކް ކަނޑުންނެވެ. ޖަޕާނުގެ އައްސޭރި ފަށުގައި އެ ޔޮޓް އޮތްކަން ދެނެގަތީ އެހިސާބާ ކައިރިން ދަތުރުކުރި ޓައިވާނުގެ މަސްބޯޓަކުންނެވެ.
އެމަސްބޯޓުން އެކަން އެންގީ އެމެރިކާ ސިފައިންގެ މަނަވަރަކަށެވެ. އޭރު އެމެރިކާގެ ކަނޑުގެ ސިފައިން އެ ޔޮޓް ހޯދަމުންގެންދާތާ އެތައް މަހެއްވެއްޖެ އެވެ. ސެޓަލައިޓްގެ އެހީގައާއި އެނޫން ވަސީލަތްތައް ބޭނުންކޮށްގެން ވެސް އެމެރިކާގެ ކަނޑުގެ ސިފައިންނަށް ފަސް މަސްވި އިރުވެ ސް އެޔޮޓް ފެނިފައެއް ނުވެ އެވެ.
ކަނޑުމަތިވި ފަސް މަސްތެރޭގައި އެދެ އަންހެނުންގެ ފުރާނަ ސަލާމަތްވީ ޔޮޓްގައި ކަނޑުގެ ލޮނުފެން މީރު ފެނަށް ބަދަލުކުރާ މެޝިނެއް ހުރުމުންނާއި އެޔޮޓްގައި ގިނަ އަދަދެއްގެ ކާބޯތަކެތި ރައްކާކޮށްފައި ހުރުމުގެ ސަބަބުންނެވެ. ފަސް މަސް ފަހުން ފެނުނު އިރު ވެސް އެދެ މީހުންގެ ހާލު ރަނގަނޅު ކަމަށް އެމެރިކާ ސިފައިން ބުނެ އެވެ. (އަނަތޯލިޔާ ނޫސްއެޖެންސީ)