ދެމަފިރިންނަކީ ބެސްޓްފްރެންޑުން ފަދަ ބަޔަކަށް ވާންޖެހެ އެވެ. އެއްވެސް ސިއްރެއް ދެމީހުންގެ ދެމެދުގައި އޮވެގެން ނުވާނެ އެވެ. ހުރިހާ ކަމެއް ހިއްސާކުރުމަކީ ދެމަފިރިންގެ ގުޅުން ވަރުގަދަވެ ބަދަހިވާނެ ކަމެކެވެ.

މި ހުރިހާ ކަމަކާ އެކު ވެސް އެކަކު އަނެކަކާ ދިމާއަށް ބުނެގެން ނުވާނެ އެއްޗެހި ހުންނާނެ އެވެ. އެގޮތުން ދެމަފިރިންގެ ގުޅުން ބަދަހިކަން މަތީ ބޭއްވުމަށް ޓަކައި އަނބިމީހާއާ ދިމާއަށް މިވާހަކަތައް ބުނަން ކިތަންމެ ބޭނުން ވިޔަސް ނުބުނައްޗެވެ.

ވާހަކަ ދެއްކުން ހުއްޓާލާ:އަނބިމީހާ ވާހަކައެއް ދައްކަން ފެށުމުން އެ ވާހަކަ ދެއްކުން ހުއްޓާލުމަށް ނުބުނައްޗެވެ. އޭނާ ދައްކަން އެ އުޅެނީ މުހިއްމު ވާހަކައަކަށް ވެދާނެ އެވެ. ކުރަން ހުރި މަސައްކަތް ބެހެއްޓުމަށް ފަހު ދެތިން މިނެޓަށް ތިމާގެ އަނބިމީހާ އަށް ސަމާލުކަން ދޭށެވެ. ބަލަން އިން ފުޓްބޯޅަ މެޗަށް ވުރެ މުހިއްމު ވާންވާނީ ތިމާގެ ހަޔާތުގެ ބައިވެރިޔާ އެވެ. އެކަކު އަނެކަކު ދައްކާ ވާހަކަ ކަނުލާ އެހުމަކީ ދެމީހުންގެ ގުޅުން ވަރުގަދަވާނެ ކަމެއްވެސްމެ އެވެ.

މުޅިދުވަހު ކުރީ ކޮންކަމެއް؟:އަނބިމީހާ އަކީ މަސައްކަތުގައި އުޅޭ މީހަކަސް، ގޭގައި އިންނަ މީހަކަށްވީ ނަމަވެސް އޭނާ އަކީ ވެސް އިންސާނެކެވެ. ގޭގައި އިންނަ އަނތްބެއް ނަމަ ގޭތެރޭގެ މަސައްކަތްތައްކޮށް ވަރުބަލިވެފައި ހުރުމުގެ ސަބަބުން ބައެއް ކަންތައް ހަނދާނުން ކައްސާލާތަން އަތުވެދާނެ އެވެ. ފަހަރުގައި ވެސް، އަނބިމީހާ މުޅި ދުވަސް ހޭދަކުރީ ނިދުމާ ޓީވީ ބެލުމުގައިކަމަށް ނުދެކޭށެވެ.

ކުރިން ނުބުނަމެއްނު؟: ދެމީހުން އެކީ ވަގުތު ހޭދަކުރުމަށް ޕްލޭން ކުރުމަކީ އަންހެނުންގެ އާދައެކެވެ. އެކަންތައް ފިރިންނާ ހިއްސާ ކުރިނަމަވެސް ވަގުތު އައިސް ޖެހޭއިރު އެކަންތައް މަތިން ހަނދާން ހުންނަނީ ކިތައް ފިރިން ހެއްޔެވެ؟ ވަގުތު ޖެހުމުން އެކަންތައް މަތިން އަނބިމީހާ ހަނދާން ކޮށްދިނުމުން ރުންކުރުވެފައި ކުރިން ިވާހަކަ ބުނި ނަމައެއް ނޫންހެއްޔޭ ބުނުމުގެ ބަދަލުގައި ހަމަޖެހިލާފައި އަނބިމީހާއާ ބައިވެރިވާށެވެ. ދެމީހުންނަށް ވެސް ހިތްހަމަ ޖެހުން އޮތީ މިކަމުންނެވެ.

ދެން ނުވާނެ:ކައިވެންޏެއްގައި މައްސަލަޖެހުމަކީ ނުވާނެކަމެއް ނޫނެވެ. މައްސަލަ ހައްލުކުރާނީ ދެމީހުން ވާހަކަ ދައްކައިގެންނެވެ. އެކަން އެހެން އޮއްވައި އަނބިމީހާއާ ދިމާއަށް ދެން ތިމަންނައަކަށް މިކަމެއް ނުވާނެއޭ، މި ދެން ނިންމާލާ ހިސާބަށް ދިޔައްޔޭ ނުބުނާށެވެ. ވަރި ކުރާނެ ކަމުގެ އިންޒާރުދީ ނުހަދާށެވެ. އަނބިމީހާއަށް އިހުސާސްވާނީ ތިބާ އޭނާއަށް އަޅާ ނުލަނީ ކަމަށެވެ. ދެމީހުންގެ ލޯތްބަށް ގަދަރު ނުކުރަނީ ކަމަށެވެ.

ދުވަހަކު ވެސް ނުވިސްނޭނެ:ތިބާއަށް ކަމެއް ދިމާވެއްޖެ ނަމަ އެންމެ ކައިރީ ހުންނަން ބޭނުންވާނެ މީހަކީ ތިބާގެ އަނބިމީހާއެވެ. ތިބާއަށް އެހީތެރިވެދީ ސަޕޯޓްދޭން އޭނާ ބޭނުންވާނެ އެވެ. ނަމަވެސް ދުވަހަކު ވެސް ނުވިސްނޭނެޔޭ، އަންޑަސްޓޭންޑެއް ނުވާނެޔޭ ބުނެ އަނބިމީހާ ދެރަކޮށް ނުލާށެވެ. ކަންވީގޮތް ރަނގަޅަށް ބުނެދިނުމުން އަނބިމީހާއަށް ވެސް ވިސްނޭނެ އެވެ.

ކައިވެންޏަކީ ވަރަށް ގިނަ ޕްރެކްޓިސް ބޭނުންވާނެ ކަމެކެވެ. ކާމިޔާބު ކައިވެންޏަކަށް ވާނީ ދެމީހުން ވެސް އެކަކު އަނެކަކު އަންޑަސްޓޭންޑްވެ، އެކަކު އަނެކަކަށް ސަޕޯޓްދީގެން ކުރިއަށްދާނަމަ އެވެ. ބައެއް ފަހަރު ހިތްހަމަ ނުޖެހޭކަންތައް ދިމާވާނެ އެވެ. މާފަށް އެދި މާފުކުރުމަކުން ތިމާ ބަލީއެއް ނޫނެވެ. އެއީ އެކަކު އަނެކަކަށް އިހްތިރާމް ކުރާކަމުގެ ސިފަ އެވެ.