އާލިއާ ބަޓް އާއި ވިކީ ކޯޝަލް ލީޑު ރޯލުން ފެނިގެންދާ، މޭގަން ގުލްޒާރުގެ ފިލްމު 'ރާޒީ' ގެ ޝޫޓިން ނިންމާލައިފި އެވެ.

ފިލްމުގެ ޝޫޓިން ނިމުނުކަން ހާމަކޮށްފައި ވަނީ ބަތަލާ އާލިއާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ. ފިލްމުގެ ޝޫޓިން ފަށާފައި ވަނީ މި އަހަރުގެ ޖުލައި މަހު ޕަންޖާބުގަ އެވެ.

އަދި އޭގެ ފަހުން ފިލްމުގެ ބައެއް މަންޒަރުތައް ކަޝްމީރުގައި ވެސް ނަގައިފައިވެ އެވެ.

'ރާޒީ' އަކީ ހަރިންދަރު ސިއްކާގެ ފޮތް 'ކޯލިންގް ސެހްމަތު'ގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގައި އާލިއާ އަދާކުރާނީ އިންޑިއާގެ އިންޓެލިޖެންސަށް މައުލޫމާތު ފޯރުކޮށްދޭ ކަޝްމީރު އަންހެނެއްގެ ރޯލެވެ. ފިލްމުގައި އާލިއާގެ ފިރިމީހާގެ ރޯލުން ފެނިގެންދާ ވިކީ ކޯޝަލް އަކީ ޕާކިސްތާނުގެ މިލިޓަރީ އޮފިސަރެކެވެ.

ޖަންގްލީ ޕިކްޗާޒް އާއި ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސް ކުރާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު އެވެ.