29 Oct 2017, 12:41
ސާޖިދު ޚާންގެ ފިލްމު 'ހައުސްފުލް'ގެ ހަތަރު ވަނަ ފިލްމު ރިލީޒް ކުރާނެ ތާރީޚު ކަނޑައަޅައިފި އެވެ.
'ހައުސްފުލް' އަކީ ފްރެންޗައިޒް އެކެވެ. މިހާތަނަށް އެ ފްރެންޗައިޒްގެ ތިން ފިލްމެއް ބެލުންތެރިންނާ ހަމައަށް ވަނީ އައިސްފަ އެވެ. 'ހައުސްފުލް 3' ރިލީޒް ކުރީ މިދިޔަ އަހަރު އެވެ.
'ހައުސްފުލް'ގެ ހަތަރު ވަނަ ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމުގެ ޔަގީންކަން ސާޖިދު ވަނީ މީގެ ކުރިން ދީފަ އެވެ. ނަމަވެސް އިއްޔެ ނެރުނު ބަޔާނެއްގައި ފިލްމު އުފައްދާ ފަރާތުން މިވަނީ ފިލްމާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ހާމަކޮށްފަ އެވެ.
އެގޮތުން ފިލްމު ރިލީޒް ކުރާނީ 2019 ވަނަ އަހަރުގެ ދިވާލީ އާއި ދިމާކޮށް ކަމަށް މިވަނީ ހާމަކޮށްފަ އެވެ. ފިލްމު ޑައިރެކްޓު ކުރާނީ ފުރަތަމަ ދެ ފިލްމު ޑައިރެކްޓު ކުރި ސާޖިދު ޚާން އެވެ.
'ހައުސްފުލް'ގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 2010 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ.
'ހައުސްފުލް'ގެ ފުރަތަމަ ބައިން ފެނިގެން ގޮސްފައި ވަނީ އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުކް، ދީޕިކާ ޕަދުކޯން، އަރްޖުން ރާމްޕާލް، ލާރާ ދައްތާ، ޖިއާ ޚާން އަދި ބޮމަން އިރާނީ އެވެ.
'ހައުސްފުލް 2' އަދި 'ހައުސްފުލް 3' އިން ފެނިގެން ދިޔައީ އަކްޝޭ އާއި ރިތޭޝްގެ އިތުރުން، އާސިން، ޖެކްލީން ފާނަންޑޭޒް، ޒަރީން ޚާން، ޝްރެޔާސް ތަލްޕާޑޭ، ޖޯން އަބްރަހަމް، މިތުން ޗަކްރަބޯޓީ، އަބީޝެން ބައްޗަން، ލީސާ ހޭޑަން އަދި ނަރްގިސް ފަޚްރީ އެވެ.
'ހައުސްފުލް 4'ގައި ވެސް އަކްޝޭ އާއި ރިތޭޝް ފެނިގެން ދާނެ ކަން ޔަގީންވެފައިވާ އިރު، ފިލްމުގެ ފުރިހަމަ ކާސްޓު އަދި ހާމަކޮށްފަ އެއް ނުވެ އެވެ.
'ހައުސްފުލް' ފްރެންޗައިޒްގެ ކުރިން އަކްޝޭ އާއި ރިތޭޝް ވަނީ 2007 ވަނަ އަހަރު ރިލީޒް ކުރި ސާޖިދުގެ ކޮމެޑީ ފިލްމު 'ހޭ ބޭބީ'ގައި ވެސް މަސައްކަތް ކޮށްފަ އެވެ.