29 Oct 2017, 09:53
ބޮލީވުޑް އެކްޓްރެސް ތާޕްސީ ޕަންނޫގެ ކުރިއަށް އޮތް ފިލްމު 'މުލްކު'ގައި އޭނާ އަދާކުރާ ރޯލަށް ފުރިހަމައަށް ތައްޔާރުވާން ފަށައިފި އެވެ.
އަނުބަވް ސިންހާ ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމުގައި ތާޕްސީ ފެނިގެންދާނީ ވަކީލެއްގެ ރޯލުންނެވެ. ލަކްނައުގައި ފިލްމުގެ ޝޫޓިން ފެށިގެން ކުރިއަށް އެބަދެ އެވެ.
ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ތާޕްސީ ބުނީ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އޭނާގެ ގިނަ އަދަދެއްގެ އެކުވެރިން ތިބޭ ކަމަށާއި، ފިލްމަށް ތައްޔާރުވުމަށް އެކުވެރިންގެ ފަރާތުން އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ.
އެގޮތުން ވަކީލުން ކޯޓު ރޫމުގައި ވާހަކަ ދައްކާ ގޮތާއި، އެމީހުންގެ ހަރަކާތްތައް ހުންނަ ގޮތާއި އަދިވެސް އެފަދަ ކަންކަން މިހާރު ދަސްކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
ތާޕްސީ ބުނީ ވަކީލުންގެ ދުވަހުގެ މަސައްކަތް ކުރިއަށް ދާގޮތް ފެނުމުން އޭނާ ހައިރާންވާ ކަމަށެވެ.
'މުލްކް' އަކީ ސޯޝަލް ތުރިލާ އެކެވެ. ފިލްމުގައި ތާޕްސީގެ އިތުރުން މުހިންމު ރޯލުތަކުން ފެނިގެން ދާނީ ރިޝީ ކަޕޫރު،ޕްރަތިކް ބާބަރު، ރަޖަތު ކަޕޫރު، އާޝުތޯޝް ރަނާގެ އިތުރުން ނީނާ ގުޕްތާ އެވެ.
ތާޕްސީ އެންމެ ފަހުން ފެނިގެން ދިޔައީ ވަރުން ދަވާން އަދި ޖެކްލީން ފާނަންޑޭޒްއާ އެކު ފިލްމު 'ޖުޅްވާ 2' އިންނެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ވަނީ ލިބިގެން ގޮސްފަ އެވެ.