29 Oct 2017, 10:35
ނ. ކެނދިކުޅުދޫ ސްކޫލުގެ 2016 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރުންގެ މަގާމު އެ ރަށު ނޫރު، އިބްރާހީމް ހަމްދާން އައްބާސް އާއި، ފާގަތި، އާއިޝަތު ރީޝާ ހޯދައިފި އެވެ.
އެ ދަރިވަރުންގެ ތެރެއިން ހަމްދާން ހޯދާފައި ވަނީ، ސާނަވީ ބައިން މޮޅު ދަރިވަރު ކަމުގެ މަގާމެވެ. އަދި ރީޝާ ހޯދާފައި ވަނީ މަތީ ސާނަވީ ބައިން މޮޅު ދަރިވަރުގެ މަގާމެވެ. އެ ދެ ދަރިވަރުންނަކީ، ތައުލީމީ ގޮތުން ފާހަގަކޮށްލެވޭ، ސްކޫލުގައި ކުރިއަށް ގެންދާ އިތުރު ހަރަކާތްތަކުގައި ވެސް އިސް ދައުރެއް އަދާކުރާ ދެ ދަރިވަރުންނެވެ.
ރޭ ކެނދިކުޅުދޫގެ އިޖުތިމާއީ މަރުކަޒުގައި ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި މިދިޔަ އަހަރު އެ ސްކޫލުގެ އެކި ވަނަތައް ހާސިލް ކުރި ދަރިވަރުންގެ އަގުވަޒަންކޮށް ވަނީ، އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ.
އެންމެ މޮޅު ދެ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ، ސަން ފައުންޑޭޝަންގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.

ސާނަވީ ބައިން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ހަމްދާން އާ އެވޯޑު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
އެ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ސަން ފައުންޑޭޝަންގެ ޗެއާމަން ވެސް އިނާމު ހުށަހަޅާފައިވެ އެވެ. އެގޮތުން ސިޔާމް ވަނީ އެ ދެ ދަރިވަރުންނަށް ލެޕްޓޮޕްއެއް ހަދިޔާ ކުރައްވައިފަ އެވެ.
ކެނދިކުޅުދޫ ސްކޫލުގެ އޮނަރަރީ އެވޯޑް މިިދިޔަ އަހަރު ފަސް ދަރިވަރަކު ހާސިލްކޮށްފައިވެ އެވެ. އެ ދަރިވަރުންނަށް ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ މައުރޫފް ވަނީ ފައިސާގެ އިނާމު ދެއްވައިފަ އެވެ.

ރޭގެ ޖަލްސާގައި އިނާމު ހާސިލް ކުރި ދަރިވަރަކަށް މައުރޫފް އިނާމު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
ރޭގެ ރަސްމިއްޔާތުގައި މަތީ ސާނަވީ ބައިން އެންމެ މޮޅު ދަރިވަރުގެ މަގާމު ހާސިލް ކުރި ރީޝާ ވާހަކަ ދައްކަވަމުން ދަރިވަރުންނަށް ވަނީ ނަސޭހަތެއް ދެއްވާފަ އެވެ. އެގޮތުުން ފިލާވަޅުތައް ދަސްކުރުމާއި މުތާލިއާ ކުރުމަކީ ގަވާއިދުން ކޮންމެ ދުވަހަކު ކުރާ ކަމަކަށް ހަދައި ހުސްވަގުތުތައް ފައިދާ ހުރިގޮތުގައި ފުރާލުމަށް ރީޝާ ދަރިވަރުންނަށް ގޮވާލި އެވެ.

ކެނދިކުޅުދޫ ސްކޫލުގެ މޮޅު ދަރިވަރަކަށް ހޮވުނު ރީޝާ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
ރީޝާ ވަނީ، އޭނާގެ ތައުލީމީ ދަތުރަކީ ކާމިޔާބު ދަތުރެއް ކަމުގައި ސިފަކުރައްވައި އެކަމުގައި ޓީޗަރުންގެ ދައުރު ބޮޑުކަން ފާހަގަ ކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކެނދިކުޅުދޫ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ އިކްރާމް ވިދާޅުވީ، އެ ސްކޫލުން ދެކޭ ކާމިޔާބީގެ އަސްލަކީ ބެލެނިވެރިންކަމަށާއި ބެލެނިވެރިންނަކީ ސްކޫލުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށެެވެ.
"މިއަދު ތިޔަ ބޭފުޅުންނަށް ފެނިގެން މިދަނީ ދަރިންނަށް ތައުލީމު ހޯދައިދިނުމަށް ކުރި ހޭދައިގެ ފޮނި މޭވާ،" ބެލެނިވެރިންނަށް އިޝާރާތް ކުރައްވައި އިކްރާމް ވިދާޅުވި އެވެ.
އޭނާގެ ވާހަކަފުޅުގައި، އެ ސްކޫލުގެ ކިިޔަވާ ކުދިންނަކީ ނަސީބު ރަނގަޅު ކުދިންތަކެއް ކަމަށް ވިދާޅުވި އެވެ. އެގޮތުން އާއިލާއާ އެކު ރަށުގައި ތިބެގެން ކިޔެވުމުގެ ނަސީބު ލިބިފައިވާކަން ކެނދިކުޅުދޫ ސްކޫލުގެ ޕްރިންސިޕަލް ފާހަގަ ކުރެއްވި އެވެ.
ރޭގެ ރަސްްމިއްޔާތުގައި އަހްމަދު ސިޔާމް އާއި ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ މައުރޫފްގެ އިތުރުން ކައުންސިލަރުންނާއި، ސްކޫލުގެ ބެލެނިވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.