29 Oct 2017, 09:38
ކިޔަވާ އެއްޗެއްގެ ހަގީގީ ފައިދާ ކުރާނީ، ރަނގަޅު އަހްލާގު ހުރެގެން ކަމަށް ސަން ފައުންޑޭޝަންގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ނ. ކެނދިކުޅުދޫ ސްކޫލުގެ 2016 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ރޭ ވިދާޅުވީ، ކިޔަވާ ކުދިންގެ ކިބައިގައި ރަނގަޅު އަހުލާގެއް އަށަގަންނުވަން ޖެހޭ ކަމަށެވެ. އަދި ފޮތުން ކިޔެވުމަކީ އެއްބައި ކަމަށާއި އަނެއް ބަޔަކީ އަހްލާގު ކަމަށް ސިޔާމް ވިދާޅުވި އެވެ. އަދި ކާމިޔާބު ލިބޭނީ ވެސް އަހްލާގުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.
"ކިޔަވާ ކުދިން ހަގީގަތުގައި ވިސްނަން ޖެހޭ އެއްޗަކީ، ފޮތުން ޔެވުމަކީ އެއްބައިކަން. އަނެއް ބަޔަކީ ތިމާގެ އަހްލާގު. ކިތަންމެ ވަރަކަށް ތައުލީމު ހާސިލްކޮށްގެން މީހާ ދިޔަ ކަމުގައި ވިޔަސް އެމީހަކަށް އޭގެ ފައިދާއެއް، ރާހަތެއް ނުކުރާނެ ރަނގަޅު އަހްލާގެއް ނެތިއްޖެ ކަމުގައިވާ ނަމަ،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ، ތައުލީމީ ހަޔާތް ނިންމުމަށް ފަހު، ދުނިޔަވީ ކަންކަމުގައި ކުރިއަށް ދިއުމަށް ވެސް އެންމެ މުހިއްމީ އަހްލާގު ކަމަށާއި އެގޮތުން ވަޒީފާގައި ކުރިއަށް ދެވޭނީ ވެސް އަހްލާގު ހުރެގެން ކަމަށެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ސިޔާމް ވިދާޅުވީ، ޒަމާނީ ތައުލީމެއް ކުދިންނަށް ދިނުމަށް ޓަކައި އެކަމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ގޮތުގައި ހުންނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު މިރަށަށް އައުމާ އެކު ސްކޫލުގެ ޕްރިންސިޕަލުން އަދި ޕީޓީއޭ މެމްބަރުން، ސްކޫލަށް ދިމާވެފައިވާ އުނދަގޫ ކަންތައްތަކުގެ ވާހަކަ ދެއްކެވި. އެބޭފުޅުންގެ ވާހަކާގައި މި ސްކޫލުގެ އެންމެ ބޮޑު އުނދަގުލެއް މިހާރު އޮތީ، މަލްޓި މީޑިއާ ސިސްޓަމް އަދި ކޮމްޕިއުޓަރު މެދުވެރިކޮށް ކިޔަވައިދިނުމަށް ޓަކައި ބޭނުންވާ ކޮމްޕިއުޓަރު އެ ބޭފުޅުންނަށް ނުލިބިގެން އުޅޭ [ކަމުގެ ޝަކުވާ]،" ސިޔާމް ވިދާޅުވި އެވެ.
ކެނދިކުޅުދޫ އަށާއި ސްކޫލަށް އަދި ދަރިވަރުންނަށް އުފާވެރި ހަބަރެއްގެ ގޮތުގައި ސްކޫލަށް ބޭނުންވާ ކޮމްޕިއުޓަރު ލިބޭނެ ނިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.
"ﷲގެ ރަހްމަތްފުޅާއި ވާގިފުޅާ އެކު މިރަށުގެ ރައްޔިތުންނާއި ޕްރިންސިޕަލް އެދުނު ފަދައިން ވަރަށް އަވަސް ފުރުސަތެއްގައި އެ ބޭފުޅުން އެ ބޭނުންވާ 15 ކޮމްޕިއުޓަރު ނުވަތަ އެ ބނުންވާ ފައިސާ ސްކޫލަށް ހަވާލުކުރާނެ ވާހަކަ ދަންނަވަން،" ސިޔާމް ވިދާޅުވި އެވެ.

މަތީ ސާނަވީ ބައިން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ރީޝާ އާ އެވޯޑު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
ސިޔާމްގެ ވާހަކަފުޅުގައި، ޕްރީ ސްކޫލުގެ ތައުލީމަކީ މުހިއްމު ކަމެއް ކަމުގައި ވިދާޅުވެ، ޕްރީ ސްކޫލުގެ ދަރިވަރުންނަށް ކިޔަވައިދޭ މީހުންނަކީ ފަންނީ ގޮތުން އެކަމަށް އެކަށޭނަ ބަޔަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވި އެވެ.އަދި އެ ކުދިންނަށް ސްކޫލުގައާއި ގޭގައި ކިޔަވައިދީ ތަމްރީނު ދޭންޖެހޭނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.
"އެކުދިންނަށް ތައުލީމް އެ އުމުރުގައި މައިންބަފައިން ގޭގޭގައި އަދި ސްކޫލުގައި އެ ތަމްރީން އެކުދިންނަށް ދެއްވިއްޖެ ކަމުގައިވާ ނަމަ އަޅުގަނޑުމެން އެންމެން، މައިންބަފައިން މި ގަބޫލު ކުރާ، ލޮލުގެ ފިނިކަން ވަރަށް ފަސޭހައިން ލިބިގެންދާނެ،" ސިޔާމް ވިދާޅުވި އެވެ.
ރޭ ބޭއްވި ޖަލްސާގައި، ސިޔާމްގެ އިތުރުން، ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ މައުރޫފް ބައިވެރިވެ ވަޑައިގެންނެވި އެވެ.