29 Oct 2017, 09:45
ކަނބަލުންނަކީ ވަކި މަސައްކަތެއް ކުރަން ތިބި ބައެއް ކަމަށް ގަބޫލުކުރާ ކުރުން ދޫކޮށްލަންވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން އެހެން ވިދާޅުވީ އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އިސްނަންގަވައިގެން ބޭއްވި "ކަނބަލުންގެ މަހާސިންތާ" ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ކަނބަލުންގެ މަހާސިންތާއަކީ އަންހެނުން ބާރުވެރިކުރުވުމަށާއި ހައްގުތަކުގެ ދިފާއުގައި ނުކުންނާނެ އަންހެނުން ތައްޔާރު ކުރުމަށާއި އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޔާމީންނަށް ކެމްޕެއިންކޮށްދޭނެ އަންހެނުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދިޔަ މަހާސިންތާއެކެވެ.
ރައީސް ޔާމީން ރޭ ވިދާޅުވީ ކަނބަލުންނަކީ ހުރިހާ މަސައްކަތެއް ކުރެވޭނެ ހުރިހާ މަސައްކަތަކަށް ފައްކާ އަދި ހުރިހާ ކަމަކަށް އިސްނެގުމުގެ ހައްގު ފިރިހެނުންނެކޭ އެއްވަރަށް އޮތް ބައެއް ކަމަށް މި ޒައާމަތުގައި ގަބޫލުކުރާ ކަމަށެވެ.
ރައީސް ވިދާޅުވީ މަހާސިންތާގައި ބައިވެރިވެވަޑައިގަތް ކަނބަލުން ކުރެއްވި މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށް އެމަނިކުފާނަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ މަހާސިންތާގެ މޭސްތިރިއަކީ މެޑަމް ފާތުން ކަމަށާއި ވަރަށް އިޚްލާސްތެރިކަމާ އެކު "ވަރަށް ވަރުގަދަޔަށް" އެކަމަނާ އަށް މަރުހަބާ ދަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެކަމަނާ އެ ކުރައްވާ މަސައްކަތުގައި އަދި ވެސް ފޯރިއާއެކީ ކުރިއަށް ވަޑައިގަތުމަށް ހަމަ އަޅުގަނޑު ދަންނަވަން. ހަމަ މިއާއެކީ ވެސް ދަންނަވާލަން ބޭނުންވަނީ ކޮންމެ ކާމިޔާބު އަންހެނެއްގެ ފަހަތުގައި ކާމިޔާބު ހިތްވަރު ހުރި ހިއްވަރުދޭ ފިރިއަކު ވެސް ހުންނަންޖެހެއޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަންހެނަކަށް މަސައްކަތް ކުރެވެނީ ފިރިމީހާ އެކަންކުރަން ހިއްވަރުދޭތީ ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެމްބަރުންގެ ތެރެއިން ކޮންމެ 10 ބޭފުޅެއްގެ ތެރެއިން ހަތަރު ބޭފުޅުންނަކީ އަންހެނުން ކަމަށް މި ސަރުކާރުން ވަނީ ކަނޑައަޅާފައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަންކޮށްފައި ވަނީ އެގޮތަށް އަމަލުކުރާ ގާނޫނެއް ނެތީސް ކަމަށާއި ވަކިގޮތަކަށް ކަމެއް ކުރުމަށް ކަނޑައެޅިފައި އޮތަސް އެކަމަކަށް އަމަލީ ސިފަ އަންނާނީ ހިތާއި ރޫހުން އެކަން ގަބޫލުކޮށް، އެކަން ބޭނުންވާ ނަމަ ކަމަށް ރައީސް ވިދާޅުވި އެވެ.
ކަނބަލުން ކުރާ މަސައްކަތަށް އެއްބާރުލުންދިނުމަށް ދައުލަތުގެ ފަރާތުން ކޮށްދެވެންހުރި ކަންތައްތައް ކޮށްދޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.
"ތިޔަ ބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަކީ ދިވެހި ދައުލަތަށް މިހާރު ވެސް އަދި ފަހުން އަންނަން އޮތް ދުވަސްތަކުގައި ވެސް އޭގެ އުފާވެރިކަމާއި މީގެ ޕްރޮޑަކްޓިވްކަން އަޅުގަނޑުމެންނަށް ފެނިގެންދާނެ ކަމެއް ކަމަށް އަޅުގަނޑަށް ކަށަވަރުކުރެވޭތީ އެ ވާހަކަ ވެސް ދަންނަވާލަން،" ރައީސް ވިދާޅުވި އެވެ.