29 Oct 2017, 01:21
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު މަރްޔާން ސެކުލޮވްސްކީގެ ކޮންޓްރެކްޓް ހަމަވާން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، އޭނާ އެ ކްލަބު ދޫކޮށްލައިފި އެވެ.
މާޒިޔާގެ ކޯޗު ސެކުލޮވްސްކީ އެ ކްލަބު ދޫކޮށް ގޮސްފައިވާ އިރު، ދިވެހި ޕްރިމިއާ ލީގުގައި އެ ކްލަބަށް އެންމެ އެދެވޭ ނަތީޖާތައް ހޯދެމުން ނުދާ ދަނޑިވަޅެއްގަ އެވެ.
މާޒިޔާގެ މީޑިއާ އޮފިޝަލް ޝިފާން ރައޫފް 'ސަން ސްޕޯޓްސް'އަށް ވިދާޅުވީ، ސެކުލޮވްސްކީގެ ކޮންޓްރެކްޓް މިމަހުގެ 31 ވަނަ ދުވަހު ނިމުމަކަށް އަންނާތީ ކްލަބުގެ މެނޭޖްމަންޓާ އެކު މަޝްވަރާ ކުރި ކަމަށާއި ސެކުލޮވްސްކީ ބޭނުންވީ އެހެން ކޯޗަކަށް ފުރުސަތު ދިނުމަށް ކަމަށެވެ. އަދި މާޒިޔާ އިން ވެސް މިވަގުތު ބޭނުންވީ އެހެން ކޯޗަކަށް ބެލުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮންޓްރެކްޓް ހަމަވާން ކައިރި ވެފައި ވަނިކޮށް، ސެކުލޮވްސްކީ މާޒިޔާ ދޫކޮށްލާފައި ވަނީ ދެން އެ ކްލަބާ ހަވާލުވާ ކޯޗަކަށް ވަގުތު ދިނުމުގެ މަގްސަދުގައި ކަމަށް ޝިފާން ވިދާޅުވި އެވެ. ދެން އެ ކްލަބަށް ވަގުތީ ގޮތުން އިރުޝާދު ދޭނީ އެސިސްޓަންޓް ކޯޗު އަހްމަދު ސުޒޭރު އެވެ.
މާޒިޔާ އިން ސެކުލޮވްސްކީއާ އެކު ދިހަ މަސް ދުވަހުގެ ކޮންޓްރެކްޓެއް ހަދާފައި ވަނީ ކުރިން އެ މުއްދަތުގެ ތެރޭގައި ފުޓްބޯޅަ ސީޒަން ނިމިގެންދާ ގޮތަށް ތާވަލު ކޮށްފައި އޮތުމުންނެވެ. ނަމަވެސް ސަބަބުތަކާ ހުރެ މިއަހަރުގެ ފުޓްބޯޅަ ސީޒަން ވަނީ ދިގުލައިގެން ގޮސްފަ އެވެ.
އެ މުއްދަތުގެ ތެރޭގައި ސެކުލޮވްސްކީ ވަނީ މާޒިޔާ އަށް މިއަހަރުގެ މާލޭ ލީގު ކާމިޔާބު ކޮށްދީފަ އެވެ. ދިވެހި ޕްރިމިއާ ލީގުގެ ފެށުން މާޒިޔާ އަށް ރަނގަޅުވި ނަމަވެސް، އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށް އަނިޔާވި ހިސާބުން އެ ކްލަބަށް ނަތީޖާތައް ނެރުމަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފަ އެވެ. މިހާރު މާޒިޔާ އޮތީ ދިވެހި ޕްރިމިއާ ލީގު ތާވަލުގެ ތިން ވަނައިގަ އެވެ. މާޒިޔާ އާއި އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.