29 Oct 2017, 01:17
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ދެކޮޅަށް މަސައްކަތް ކުރާ ކޮންމެ މީހަކީ ގައުމަށް ގައްދާރުވާ މީހެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމް އިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް މަންދޫބުން ތަމްރީނުކުރުމަށް ބާއްވަމުން ގެންދާ ސިލްސިލާ މަހާސިންތާ ތަކުގެ ތެރެއިން " ކަނބަލުންގެ މަހާސިންތާ" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން ތަރައްގީގެއްނަވައިފި ކަމަށާއި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތް ފެންނަ ކޮންމެ މީހަކުވެސް އެ މަސައްކަތްޕުޅާ މެދު ފަޚުރުވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
"އެބޭފުޅުން ނިކުމެ ވަޑައިގެން ދައްކަވާ ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތް ކުރައްވާ ސަބަބެއް. އެއީ ހުޅުލެއާ މާލެއާ ދޭތެރޭ ބްރިޖް އަޅާތީތޯ. ހުޅުލޭގެ އެއާޕޯޓް ބޮޑުކުރައްވާތީ ތޯ. ހުޅުމާލެ ބިނާ ކުރައްވާތީތޯ. އަޅުގަނޑަށް އިދިކޮޅު އެއްވެސް ފަރާތަކުން ބުރަދަނެއް ހުރި ވާހަކައެއް ދައްކާތަނެއް ނުފެނޭ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އިތުރު ދައުރަކަށް ރައީސް ޔާމީން އިންތިޚާބު ކުރުމަކީ ދީނީ މަސައްކަތެއް ކަމަށެވެ. އަދި އެހެން ވިދާޅުވުމުން ބައެއް މީހުން އެކަމަށް ހަޖޫޖެހިޔަސް އެއީ އޭނާ ގަބޫލުކުރައްވާގޮތް ކަމަށް އަދުރޭ ވިދާޅުވިއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީންގެ ދެ ކަނަބަލުންނާއި ޕީޕީއެމް އަދި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.