14:30


އަންނަ އަހަރު ރާއްޖޭގައި ބާއްވާ ސާކް ސަމިޓު، އައްޑު އަތޮޅާއި ފުވައްމުލަކުގައި ބޭއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އާދަވެގެން ކޮންމެ ހުކުރު ދުވަހަކު ދެއްވާ އެމަނިކުފާނުގެ ރޭޑިއޯ އެޑްރެސްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ސާކް ސަމިޓުގެ އެއްބައި ފުވައްމުލަކުގައި އަނެއްބައި އައްޑުއަތޮޅުގައި ބާއްވަވަން މިހާރު ނިންމަވާފައި ކަމަށާއި، އެގޮތަށް އެކަން ކުރެއްވުމަށް ވަރަށް ގިނަ ތައްޔާރީތައް ވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ކާމިޔާބު ސަމިޓެއް ދެކުނުގައި ބޭއްވޭނެ ކަމަށް ޔަޤީން ކުރައްވާ ކަމަށާއި، މިއީ ސާކުގެ ސަމިޓެއް، ސަދަން ހެމިސްފިއަރގައި، އީކުއޭޓަރުން ދެކުނުގައި ބޭއްވޭ ފުރަތަމަ ފަހަރަށް ވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މިއީ، ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފަޚުރަކަށްވާނެ ކަމެއް ކަމުގައި ވެސް ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ގެދޮރު އެޅުމުގެ މަޝްރޫޢުގައި މެލޭޝިޔާގެ ވަރަށް ބޮޑު ކުންފުންޏެއް ކަމަށްވާ ސައިމް ޑާބީ ބައިވެރިކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވި އެވެ. މި ދަތުރުފުޅުގައި އެކުންފުނީގެ ވެރިންނާ ވާހަކަފުޅު ދެއްކެވި ކަމަށާއި، އެބޭފުޅުން އެކަމަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް އެބަދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވަމުން، މެލޭޝިޔާއަށް މި ވަޑައިގަތީ، މެލޭޝިޔާގައި ހިނގަމުންދާ އިސްލާމީ ޤައުމުތަކުގެ ވިޔަފާރިއާ ގުޅޭ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމުގައި ވިދާޅުވި އެވެ. މި ބައްދަލުވުމުގެ ތެރޭގައި، އިސްލާމީ ޤައުމުތަކުގެ ވަރަށް ގިނަ ވެރިންނާ ބައްދަލުވެވަޑައިގެންނެވި ކަމަށާއި، ރާއްޖޭގައި ކަންކަން ކުރިއަށްދާ ގޮތާއި، ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައި ހުރި މައްސަލަތަކާއި، އެކަންކަމުން އަރައިގަތުމަށްޓަކައި، ހުރިހާ ޤައުމެއްގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން އެބޭފުޅުންނާ ވާހަކަފުޅު ދައްކަވާ ހެއްދެވި ކަމުގައި ވިދާޅުވި އެވެ. އަދި މިކަމުގެ ނަތީޖާ ވެސް ފެނިވަޑައިގަތީ ވަރަށް އުޖާލާކޮށް ކަމަށާއި، އިރާދަކުރެއްވިއްޔާ މި ދަތިތަކުން އަޅުގަނޑުމެން ސަލާމަތްވުމަށް، އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ވެދެއްވެން ހުރި އެހީތެރިކަމެއް އެބޭފުޅުން ވެދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދުގެ މައްޗަށްވެސް ރައިސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި މިއަދު ބައްލަވާލެއްވި އެވެ. މިދިޔަ ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގައި މި ގަވާއިދާ ގުޅޭގޮތުން ވަނީ މަޝްވަރާތައް ކުރައްވާފައި ކަމަށާއި، މަޖިލީހުން ނިންމެވީ މި ގަވާއިދަށް ބަންޑާރަ ނައިބާއި އަދި އިސްލާމިކް އެފެއާޒްގެ މިނިސްޓަރާ ދެބޭފުޅުން، ބައެއް ކުދިކުދި އިޞްލާޙު ގެންނަވައި، ދާދި އަވަހަށް އެ ގަވާއިދު ގެޒެޓް ކުރެއްވުމަށް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.


ރައިސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދަރިވަރުން ވަރަށް ބޮޑަށް އިމްތިޙާނުތަކަށް ހޭލައި އިމްތިޙާނުތަކަށް އަމާޒުކޮށްގެން މަސައްކަތް ކުރުމަކީ މުހިންމުކަމެއްކަން ފާހަގަކުރެއްވި އެވެ. އަދި ދަރިވަރުންނާ އެއް ހަމައެއްގައި މައިންބަފައިން ވެސް އެކަމަށް ޝައުޤުވެރިކަން ބަހައްޓަވައި، އިމްތިހާނުތަކަށް ވަގުތު ދެއްވައި، ދަރިންނާ އެކީގައި ފިލާވަޅުތައް ބައްލަވާލައްވައި، މި ގޮތަށް ކަންކަން ކުރެވިއްޖެނަމަ، ދަރިފުޅަށް ލިބޭ ނަތީޖާ ރަނގަޅުވާނެ ކަމުގައި ވިދާޅުވި އެވެ.