އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖިންސީ ގޯނާކުރި ކަމަށް ބުނެ ވާހަކަދައްކާ އަންހެނުންނަކީ ދޮގު ވެރިންކަމަށް ވައިޓްސް ހައުސްއިން ބުނެފި އެވެ.

ވައިޓްސް ހައުސްގައި އޮތް ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ޓްރަމްޕްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ހުރިހާ އަންހެނުންނަކީ ދޮގު ވެރިންތޯ އެހުމުން ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީ ސާރާ ސޭންޑާސް ވިދާޅުވީ އެ ހުރިހާ އަންހެނުންނަކީ ވެސް ދޮގުވެރިންކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލަތައް މިދުވަސްކޮޅު ވަނީ މީޑިއާގެ ސަމާލުކަމަށް ވަރަށް ބޮޑަށް އައިސްފަ އެވެ. ހާވޭ ވިއެންސްޓައިން ގިނަ އަންހެނަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ ހޫނުވެފައިވާ އިރު އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ހެންރީ ބުޝް އަންހެނުންތަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނި މައްސަލަ ވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

މަޝްހޫރު ގާނޫނީ ވަކީލް އާމާލް ކްލޫނީ ވެސް ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކަމަށް ވެސް އޭނާގެ ފިރިމީހާ އަދި ހޮލީވުޑްގެ ތަރި ޖޯޖް ކްލޫނީ ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕް ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެސް އެމަނިކުފާނަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކަށް ރައްދު ދީފަ އެވެ.

"އެމެރިކާގެ ތާރީހުގައި ވެސް ނޯންނާނެ އަހަރެންނާ ޖައްސައިލައިގެން ކެމްޕޭންކުރިވަރަށް ކެމްޕޭންކޮށްފައެއް. އެމެރިކާގެ ތާރީހުގައި ވެސް ނެތް ފެނިފައެއް އަހަރެން ގެނެސްދިންހާ ވަރުގަދަ ފިކުރެއް. އެހެންވެ އެމީހުން އަހަރެންނާ ޖައްސައިލައިގެން އުޅެނީ،" ޓްރަމްޕް ރިޔާސީ ކެމްޕޭންގެ ދުވަސްވަރު ޖިންސީގޯނާގެ ތުހުމަތުތަކާ ބެހޭ ގޮތުން ވިދާޅުވި އެވެ.